އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ދީފައިވާ ފުރުސަތުގައި ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ޢަދަދު 130 އަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މަޢުލޫމާތުތަކުގައިވާ ގޮތުން ކައުންސިލް ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ނަން އަނބުރާ ގެންދިޔަ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ނ. މިލަދޫ އާއި ގދ. ތިނަދޫ ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓެކެވެ.

މީގެއިތުރުން ރ. އިނގުރައިދޫ އާއި، އއ. ތޮއްޑޫ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ދެ ކެނޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ށ. ކޮމަންޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން ނިންމި ކެންޑިޑޭޓު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންގެ އިތުރުންވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންވެސް މިއަދު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެގޮތުން ބ. ހިތާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރި އަމިއްލަ ކެންޑިޑޭޓަކާއި، ރ. އިނގުރައިދޫގެ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަކުރި އަމިއްލަ ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އަންނަ އަހަރުގެ މާރޗް މަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް 130 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ 84 ފަރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ 46 ކެންޑިޑޭޓަކު ހިމެނެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީގެ 27 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 15 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 32 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ގެންގޮސްފައިވަނީ އެމްޑީޕީގެ 30 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 03 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 15 ކެންޑިޑޭޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން