ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
މަސްވެރިއަކަށް މަހަކު އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭ ކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވުމުން އެކަމަނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖްކޮށް -/11،500 ރުފިޔާ ލިބުނު، ނަމަވެސް މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯއިން ބަރާބަރަށް ދޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު އެކަމަނާއަށް ފާޑުކިޔާފައިވެއެވެ.

"ޒަހާއެކޭ އަދުރޭއެކޭ ކޮބާ ތަފާތެއް؟ މި ފަހަރު ތި ޖެހުނީ ގޯސް ހިސާބެއް." ފޭސްބުކްގައި މީހަކު ޕޯސްޓުކޮށްފައިވާ ލިއުމެއްގައި ވެއެވެ.

އިތުރު މީހަކު ބުނީ ފައިސާއަކީ މިނިސްޓަރުގެ އަނގައިން ބުނާ ބަހަކުން ލިބޭ އެއްޗެއް ނަމަ ބަރާބަރަށް ފައިސާ ލިބޭނެ ކަމަށެވެ.

ޒަހާގެ މި ވާހަކަތަކަށް ރައްދުދިން ގިނަ މަސްވެރިންތަކެއް ވަނީ ހަމައަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާކޮށްފައެވެ.

ޒަހާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަހުގެ އަގު 20 ރުފިޔާއަށް މައްޗަށް ޖެއްސުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިންނަށް މިފްކޯއިން ފައިސާ ނުދެވުން ކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ދަރަނި ބިލްތަކަށް މިހާރު ވާނީ ފައިސާދައްކާ ހަލާސްކޮށްފައި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބި ދިޔަ ދިގު މުއްދަތަށް މި ސަރުކާރުން ހައްލު ހޯދާދީފި ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ގޮންޖެހުމަށް ނިމުމެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ކަމަށެވެ. ކޮވިޑްގެ ހާލަތުގައިވެސް މަސްވެރިންނަށް ފައިސާ ދީފައި ވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރު އެތައް ބައިވަރު ދަރަނި ބިލްތަކެއް އޮތް. ނަމަވެސް އެބިލްތައްވެސް ދައްކާ ހަލާސްކުރިން. މި ސަރުކާރު އައިފަހުން ކުރީގަ އެ ދިޔަ ދިގު މުއްދަތެއް ނުދާނެ މަސްވެރިންނަށް ފައިސާ ނުދެވިއެއް." ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވިއެވެ.

މަސްވެރިންނަށް މަހަކު މިހާރު ލިބޭކަމަށް ވިދާޅުވެ މިނިސްޓަރ ޒަހާ ޖެއްސެވީ ނުބައި ހިސާބެއްކަމަށް ބުނެ ޓްވިޓަރގައި މަޝްހޫރު ޒުވާން މަސްވެރިޔާވެސް ވަނީ ޒަހާގެ ވާހަކަތައް ދޮގުކޮށްފައެވެ.

ދާދި ފަހުން ފެލިވަރުގައި މަސްވެރިން ވަނީ މައިގަނޑު ހަތަރު ކަމަކަށް ޑިމާންޑްކޮށް އިހުތިޖާޖު ވެސް ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާ ކަމަށް މި ދަނޑިވަޅުގައި ބަދަލުކުރެވެން ނެތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން