އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
ފިތުނައާއި ނަފްރަތު އުފެއްދުމަކީ ޢިލްމުވެރިން ޢާއްމުކޮށް ކޮށްއުޅޭ ކަމެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކްރިސްމަހުގެ ތަހުނިޔާ ފޮނުވުމާ ގުޅޭގޮތުން ރާއްޖޭގެ ބައެއް ޢިލްމުވެރިން ފާޅުކުރަމުންދާ ޝުޢޫރުތަކާ ގުޅިގެން އެކަމަކީ މީސްތަކުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފެދޭނެ ކަމެއްގެ ގޮތުގައި ޑރ. ޝަހީދު ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެކަމަކީ ޢިލްމުވެރިން ކުރާޒާތުގެ ކަމެއް ނޫން ކަމަށާއި، އެއީ ޖާހިލުކަމުގެ ނިޝާނެއް ކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.

"މީސްތަކުންގެ މެދުގައި ފިތުނަ އާއި، ނަފްރަތު އުފެއްދުމަކީ ޢިލްމުވެރިން ޢާއްމުކޮށް ކޮށް އުޅޭ ކަންތައްތަކެއް ނޫން." ޑރ. ޝަހީދު ވިދާޅުވިއެވެ.



ކްރިސްމަހުގެ ތަހުނިޔާ ފޮނުވުމަކީ ޝިރުކުގެ ޢަމަލެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ފަރާތްތަކުން ނުރަސްމީ ފަތުވާތަށް ނެރެމުން ދާއިރު، އެކަމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ކްރިސްމަސް ތަހުނިޔާ ކިއުމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ. އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލުމަށް ފަހު އުފެއްދި މަޖިލީހެކެވެ.

އެ މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާ މެމްބަރުންނެވެ.

ރާއްޖޭގެ ބައެއް ފަރާތްތަކުން އަމިއްލަ ޙައިސިއްޔަތުން ނެރެމުންދާ ފަތުވާތަކުގައި ކްރިސްމަސްގެ ތަހުނިޔާ ފޮނުވުމަކީ ޝިރުކުގެ ޢަމަލެއް ކަމަށް ބުނެފައި ވާއިރު ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިން ގެންދަވަނީ މި ދުވަހުގެ ތަހުނިޔާ ޣައިރު މުސްލިމް ދަޢުލަތްތަކުގެ ވެރިންނަށް ފޮނުއްވަމުންނެވެ. އެގޮތުން ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމް ވެސް ވަނީ އެދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.



މީގެ އިތުރުން ޢުރުދުންގެ ރަސްގެފާނު ކިންގް ޢަބްދުﷲ ބިން ޙުސެއިން ވެސް ވަނީ އެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.



ރާއްޖޭގައި ކްރިސްމަސް ތަހުނިޔާ ފޮނުވުމާ ގުޅޭ މައްސަލަ ހޫނުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދުވަހުގެ ތަހުނިޔާ، ފޮނުއްވެވުމުންނެވެ. މިފަދަ ކަންތައްތަކުގައި ދިވެހި ބައެއް ޢިލްމުވެރިން ނެރޭ ފަތުވާ ތަކަކީ ރައީސް ނަޝީދާ އޮންނަ ޒަމާންވީ ހިތްހަމަނުޖެހުމާ ގުޅިގެން ނެރުއްވާ އަމިއްލަ ރަޢުޔުކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވެސް ވިދާޅުވެއެވެ. އަދި އެއީ ދީނީ ގޮތުން ނެރުއްވާ ރަޢުޔުތަކެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ވިދާޅުވާ ބަސްފުޅުތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢަމީން

27-Dec-2020

ބޭފުޅާ ވިދާޅުޥީ ތެދެޢް.


7

ޢަމީން

27-Dec-2020

ބޭފުޅާ ވިދާޅުޥީ ތެދެޢް.



ޓްރެންޑިން