ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ކޯވިޑް-19 އަކީ މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވުޒާރާއިން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަދު ކުރިމަތިލާން ޖެހިފައިމިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ ބައިބައިކޮށް ފަނާ ކުރަމުން ދާ ކަމަށެވެ. އަދި މިއީ މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް ކަމަށާއި، މި ބަލިމަޑުކަމަކީ ކުރިމަތީގައި އޮތް ބޮޑު ބިޔަ ރާޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، މީގެ 16 އަހަރު ކުރިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިންނަށް ކުރިމަތިލާން ޖެހުނު ސުނާމީގެ ނުރައްކަލަށްވުރެއް މިއަދު ކުރިމަތިލާން ޖެހިފައި މިވާ ކޮވިޑްގެ ނުރައްކާ ކުޑަ ނޫން ކަމަށެވެ.

"ތަފާތަކީ އެ ސުނާމީއަކީ ލޮލަށް ފެންނަ ސުނާމީ އަކަށް ނުވުން. އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އަޅުގަނޑުމެންނަށް ހަމަލާދެމުން އަންނަ ސުނާމީއަކީ ކުދި ކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް." ޝާހިދު ވިދާޅުވިއެވެ.



މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ސުނާމީ ހާދިސާގައާއި، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލް އަޤުވާމީ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ހިތްދަތިކަމުން އަރައިގަނެވުމުގައި ރާއްޖެއަށް ލިބުނު ބޭރުގެ އެހީތެރިކަމަކީ އަބަދުވެސް ދީލަތިކަމާއިއެކު ލިބެމުންދާ އެހީތަކެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ސުނާމީގެ ގެއްލުންތަކުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއިއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސުނާމީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަދުވަހު އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑްގެ ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ވަގުތަކަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސް ކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެންނެވެ.

ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.

ސުނާމީ ކާރިސާގައި 14 ޤައުމަކުން 230000 އާއި 280000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯރޑް ކުރެވިފައިވެއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާ އިންނެވެ. އެޤައުމުން އެކަނިވެސް ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދު 167799 އަރައެވެ. އަދި ފަސްލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން