ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
"ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ، ފްލެޓްތަކާ ގުޅިގެން ޢާއްމުން ހުށައަޅާ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހުކަމަށް ފްލެޓް ކޮމިޓީން ބުނެފިއެވެ.

ފްލެޓް ކޮމިޓީން މިހެން ބުނެފައިވަނީ، "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ފޯމުތައް ކޮމިޓީން ދިރާސާކޮށް، ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލައި މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކުރި އިޢުލާނެއްގައެވެ. އެގޮތުން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.

އަދި ކޮމިޓީއިން އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓްތަކާ ގުޅިގެން ކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކޮމިޓީއިން މިހާރު ކުރަމުން ގެންދާތީއާއި، "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން އިތުރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާތީ ކޮމިޓީން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހު ކަމަށް އެކޮމިޓީން ބުނެފައިވެއެވެ.

ފްލެޓް ކޮމިޓީން ބުނެފައިވަނީ، އެ ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކަށް، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުންކަމަށްވާތީ، "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި މި ކޮމިޓީއިން ރިޢާޔަތްކޮށްފައިވާނީ، ފޯމު ހުށަހެޅި ތާރީޚާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ޙާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ.

އަދި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވަނީ، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ޙާލަތު ބެލުމަށްފަހު، ހަމަހަމަ އުޞޫލަކުން ކަމަށް އެ އިޢުލާނުގައިވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބަލާ ފޯމުގައި، ފޯމު ހުށަހެޅި ފަރާތާއި، ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށްދާ ޓީމުގެ ދެ ބޭފުޅުން، ސޮއި ކޮށްފައިވާ ކަމަށާއި، ފޯމު ހުށަހެޅި ފަރާތުން ދިރިއުޅުމުގެ ޙާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި، ފޯމުގައި ސޮއިކޮށްފައިވާނީ ފޯމު ހުށަހެޅި ފަރާތުގެ ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖެއްސި ފަރާތުން ކަމަށް އެ އިޢުލާނުގައިވެއެވެ.

ފްލެޓް ކޮމިޓީން އިތުރަށް ބުނެފައިވަނީ، ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ދަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ފުށިފަރު

02-Jan-2021

ގިނަދުވަހައް ދެއްމިވަރަކައް މުސާރަގޮތުގަލިބޭ އެއްޗެއްލިބިލިބި ހުނަނާނެ.



ޓްރެންޑިން