އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ލޯކަލް ކައުންސިލް އިންތިހާބު މާރޗް މަހުގެ 6 ވަނަ ދުވަހު ނުބޭއްވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މިއަދު ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް އިންތިޚާބު ނުބޭއްވޭނެ ކަމަށާއި، އެކަން ކުރެވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިހާބު ބޭއްވޭނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށެވެ. އެހެން ނަމަވެސް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އަލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ކުރުމުން، މާރޗް މަހުގެ 6 ވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނުނިމޭނެ ކަމަށާއި، ކެނޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމަށް ވަގުތު ދޭންޖެހޭނެ ކަމަށެވެ. އަދި ކެނޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް އިންތިޚާބު ނުބޭއްވޭނެކަމަށާއި، އެހެންކަމުން އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް މިހާރު ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން