ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ލިޔުމެއް ހުށަނާޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމުމުން އެމައްސަލަ އިސްތިޢުނާފް ކުރުމަށް ދަޢުލަތުން ނިންމައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސެއިން ޝަމީމް މިރޭ ވިދާޅުވީ، އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހެއްގެ މައްޗަށް އުފުލި ދައުވާގައި ލިޔުމެއް ހުށަނޭޅުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހޭތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދަޢުލަތުން އިސްތިޢުނާފް ކޮށްފައިވަނީ ހުށަހެޅި ލިޔުމާބެހޭ ސުވާލެެއް ކަމަށާއި، އެކަމާމެދު ދެބަސްވުމެއް އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހު ނިންމި މި މައްސަލާގައި ވަނީ އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ޙުކުމަށް ހައިކޯޓުންވެސް ވަނީ ތާޢީދު ކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، ނިޒާމުގެ ތެރެއިން ޙައްލު ހޯދައި އިންސާފު ޤާއިމްކުރެވޭނެ ކަމަށެވެ.

"ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ. އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު، (ގޮތްދޫނުކޮށް) އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް." ޝަމީމް ވިދާޅުވިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު ބެއްލެވި މި މައްސަލާގައި ބުނެފައިވަނީ، 18 އަހަރު ފުރިފައިވާ އެކަމަކު ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަން ސާބިތުކޮށް ދެވޭނެ ފަދަ ސަރުކާރުގެ ލިޔުމެއް ނުވަތަ ސަރުކާރުން ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި އަނިޔާލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅި ނަމަވެސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން