ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ދަޢުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަރީފް ރޭ ވިދާޅުވެފައިވަނީ، އިންތިޚާބާ ގުޅޭ ޚާއްސަ ގާނޫނު އިސްލާހުކޮށްފި ނަމަ އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުގައި އެ އިންތިޚާބު ބޭއްވިދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަށް އިސްލާހުތަކެއް އެ ކޮމިޝަނުން ހުށަހަޅާނެ ކަމަށާއި، އެ އިސްލާހުތައް މަޖިލީހުން އަވަހަށް ފާސްކޮށްފި ނަމަ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން މަދުވެގެން 60 ދުވަހުގެ މުއްދަތު ލިބޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ދަޢުލަތުގެ ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ޤާނޫނު އިސްލާޙު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން މިދަނީ އެކުލަވާލަމުން. އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނަން." ބަންޑާރަ ނާއިބު ވިދާޅުވިއެވެ.



ގާނޫނަށް އިސްލާހު ހުށަހަޅަން ބަންޑާރަނާއިބު ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުން އަންނަނީ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ކައުންސިލް އިންތިޚާބު އިތުރަށް ފަސްކުރަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާގުޅިގެން އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ތާޢީދު ކުރާ ކެނޑިޑޭޓުންނާއި، އިދިކޮޅު ކެނޑިޑޭޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްވެސް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން