މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން
މަަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް 5 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދަޢުވާގައި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ، ރައީސް ޔާމީން ނުފޫޒު ބޭނުންކުރަށްވައިގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކުރަށްވައިގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން ވަނީ މީގެ ކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުންތަކުގައިވެސް ފާހަގަކޮށްފައިވާ ގޮތަށް މައްސަލައާގުޅޭ ލިޔުންތަކެއް ނުލިބޭ ކަމުގެ ޝަކުވާ އުފުލާފައެވެ. އެގޮތުން ދައުވާއަށް ޖާވާބުދާރީވުމަށް ދައުލަތުގެ މުއައްސަސާތަކުން ހޯދުމަށް ބޭނުންވާ ލިޔުންތަކެއް ނުލިބޭކަމުގެ ޝަކުވާ ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން ދަޢުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ އެ ލިޔުންތަކަކީ ދައުވާގައި ހިމެނޭ ލިޔުންތަކެއް ނޫން ކަމުން އެ ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ. ނަމަވެސް ޝަރީއަތުން އަމުރުކޮށްފިނަމަ އެކަން ކުރާނެ ކަމަށާއި، އެ ލިޔުންތަކާ ގުޅޭ ހުށަހެޅުމެއް، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހަޅުމެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވަކީލުންނާއި، އެމަނިކުފާނުވެސް ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި، ދައުވާއަށް ފުރިހަމައަށް ޖަވާބުދާރީވެ ދިފާއު ވެވޭނީ އެ ލިޔުންތައް ލިބިގެން ކަމަށެވެ. އެ ލިޔުންތައް ލިބުމަކީ ރައީސް ޔާމީނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގެއް ކަމަށާއި މީގެކުރިން ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް އެ ހައްގު އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އަހުމަދު ޝަކީލް ނިންމެވީ އެ ލިޔުންތައް ނެތް ނަމަވެސް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އިއްވާފައެވެ. އަދި އެ ދައުވާއާ ގުޅިގެން ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށްވެސް ދަޢުލަތުން ވަނީ އެދިފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް ޔާމީން އަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދައުވާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި އެމަނިކުފާނާ ގުޅޭ ގޮތެއް ސާފު ނުވާ ކަމަށާއި އެކަމަށްޓަކައި ކުރިންވެސް އިޝާރާތްކުރެއްވި ލިޔުންތައް މުހިންމުވާ ކަމަށެވެ. އެއާއެކު ޤާޟީ ޝަކީލް ވަނީ ލިޔުންތަކުގެ ވާހަކަ ތަކުރާރު ނުކުރެއްވުމަށް ރައީސް ޔާމީނަށް އަންގަވާފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންވަނީ އެއީ ޝަރީޢަތުގެ ނިންމެވުމެއްނަމަ އެ ނިންމުން ލިޔުމުން ބޭނުންވާ ކަމަށާއި، އެ ނިންމުން އިސްތިޢުނާފް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ޖަވާބުގައި ޤާޟީ ވިދާޅުވީ ނިންމުންތައް ލިޔުމުން، ލިބެން ޖެހޭ މަރުހަލާގައި ލިބޭނެ ކަމަށެވެ. އެއާއެކު ރައީސް ޔާމީންގެ ވަކީލް ވަނީ ލިޔުމުން އެ ނިންމުން ނުލިބޭނަމަ، ޝަރީއަތުގައި ދެން އިތުރަށް ވާޙަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ޤާޟީ ވަނީ ޝަރީއަތުން އަންގާ އެންގުންތަކަށް ތަބާވެ، ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދަޢުވާއަށް ޖަވާބުދާރީވުމަށް ރައީސް ޔާމީނަށް ޤާޟީ އެންގެވިއެވެ.

ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ވެސް މިއަދު އިއްވާފައެވެ. އެ ދައުވާ ވެސް ސާފު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ފުއްގިރި މައްސަލާގައި ހިނގާފައިވާ މުއާމަލާތްތަކުން އެމަނިކުފާނުގެ ނުފޫޒެއް އޮތްކަން އެނގިގެން ދަނީ ކިހިނެއްތޯ ސުވާލު އުފެއްދެވިއެވެ.

މައްސަލަ ބައްލަވާ ޤާޟީ ވަނީ އެ ދައުވާ ވެސް ރައީސް ޔާމީނަށް އެކަށީގެންވާ ގޮތުގައި ދައުލަތުން ސާފުކޮށްދީފައިވާ ކަމަށް ކަނޑައަޅައި، ދައުވާއަށް ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ތައްޔާރުވުމަށް އަންގަވާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އިޢުލާން ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން