ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބޭއްވުމަށް މި މަހުގެ 13 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދިފައިވަނީ އެމްޑީޕީއިންނެވެ. އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވިދާޅުވީ، ވީ އެންމެ އަވަހަކަށް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ޚާއްސަޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިއްޔެ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.



ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި، އެކަމަށްޓަކައި ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުން މުހިއްމު ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން