ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި 6 ޖޫން 2020 ދުވަހު ބިދޭސީ އަންހެނަކާއެކު ގަދަކަމުން ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދަޢުވާކުރަން ފޮނުވި ނަމަވެސް އަނިޔާ ލިބުނު ފަރާތް ޤައުމުން ފުރުވާލާފައި ވުމުން މައްސަލަ ސާބިތު ކުރުމަށް ހެކިބަސް ލިބޭނެތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސުވާލު އުފައްދަވައިފިއެވެ.

"ރޯޔަލް ރޭޕް ކޭސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދްގެ ފިރިކަލުންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމައްސަލާގައި އަނިޔާ ލިބުނުކަމަށް ބުނާ އަންހެންމީހާ މިހާރުވަނީ އެނބުރި ޤައުމަށް ގޮސްފައެވެ.

އެކަމާ ގުޅިގެން ޙައިލަމް ވިދާޅުވީ، މި ކަމެއް ކުރިތަން ފެނުނު އެއްވެސް އިތުރު މީހަކު ނެތް ހިނދު، އަނިޔާ ލިބުނު ފަރާތަކީ މައްސަލައިގެ އެންމެ މުހިންމު ހެކި ކަމަށެވެ. އެހެން ނަމަވެސް ޝަރީޢަތުގައި ފަހުން ބޭނުންކުރުމަށް ހެކިބަސް ނެގުމަކާނުލައި އަނިޔާލިބުނު މީހާ ފުރުވާލާފައިވާކަމަށް ޙައިލަމް ވިދާޅުވިއެވެ.

"މިކަމެއް ކުރިތަން ފެނުނު އެއްވެސް މީހަކު ނެތްއިރު، އަނިޔާލިބުނު ފަރާތަކީ މައްސަލައިގެ އެންމެ މުހިންމު ހެކި ކަމަށް ވީނަމަވެސް، ޝަރީޢަތުގައި ފަހުން ބޭނުންކުރުމަށް ހެކިބަސް ނެގުމަކާނުލައި އަނިޔާލިބުނު ފަރާތް ފުރުވާލާފައި ވާއިރު އެފަރާތުގެ ހެކިބަހާ ނުލައި މިމައްސަލަ ސާބިތުކުރެވޭނެތޯ؟" ޙައިލަމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރި އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައާއި ގުޅިގެން ދަޢޫވާ ކޮށްފައިވަނީ ލ. ގަން، ތުނޑި، ނޫރަންގެ ޢަބްދުﷲ ޝާން ގެ މައްޗަށެވެ. އޭގެ މައްޗަށް ތިން ދައުވާއެއްކޮށް ޕީޖީ އޮފީހުން އެމައްސަލަވަނީ 06 ޖަނަވަރީ 2021 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ.

އެގޮތުން ޝާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޖިންސީ ކުށުގެ ޤާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އެވެ.

މިމައްސަލައިގައި މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުގައި ވަނީ، ކެންޔާ އަންހެންމީހާ އެރޭ ސަފާރީއަށް ދިޔައީ ރައްޓެއްސެއްގެ ދައުވަތަކަށް، ޕާޓީ ކުރުމަށް ކަމަށެވެ. އަދި އެސަފާރީގައި ދެ މީހަކު އޭނާއަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރު ނުކޮށް ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށެވެ.

މި މައްސަލާގައި ދަޢުވާ ރައްދުވާ ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދުގެ ފިރިކަލުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން