ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާ
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާ
ބ. ބޮޑުފިނޮޅުގައި ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި އެމަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ދަޢުވާކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.

ފުލުހުންނާ ޙަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ބުނެފައިވަނީ، އެ މައްސަލައިގައި ރިޒް ކޮމްޕެނީ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި ޕީޖީ އޮފީހުން އެ މައްސަލަ މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ ބަލައިގެންފައެވެ.

ރިޒް އާއި ދެކޮޅަށް ދައުވާކޮށްދިނުމަށް ފޮނުވީ ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލައިގައެވެ. މި މައްސަލައިގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާ ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.

ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ބިދޭސީ މުވައްޒަފުން ވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގައި ބައެއް ދިވެހި މުވައްޒަފުން ރަހީނު ކޮށްފައެވެ. ރަހީނު ކުރި ދިވެހިން ސަލާމަތް ކުރީ އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ގޮސްގެން އެކަން ނުވެގެން މާލެއިން ދިޔަ އެސްއޯ ފުލުހުން އެ ރަށަށް އަރައިގެންނެވެ.

އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ވަނީ އެކަން ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކޯޓުގައި ކިޔައިދީފަ އެވެ.

އެގޮތުން މުސާރަ ހޯދުމަށް އާދޭސްކުރުމުން، ބިރު ދައްކައި މަރުގެ އިންޒާރުދިން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައި، އެ މީހުންނަށް ބިރު ދައްކާފައިވާ ކަމަށާއި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން