ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުން ޤާނޫނު އަސާސީ އާ ޚިލާފު ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ވަކި ދާއިރާތަކެއް ކަނޑައަޅައި އެއީ ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ހަދަން މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފައެވެ. އެކަމަކީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށްބުނެ އެ މައްސަލަ ހައިކޯޓަށް ހުށައެޅީ ޤާނޫނީ ވަކީލު މޫސާ އަންވަރު އެވެ. މޫސާ އަންވަރު ހުށައަޅާފައި ވަނީ މަޖިލީހުން ޤާނޫނަށް ގެނެސްފައިވާ ބަދަލަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

އެމައްސަލާގައި ޙުކުމް އިއްވަމުން ހައިކޯޓުން މިއަދު ބުނެފައިވަނީ، ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙު ތަކެއް ނޫން ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގައި ޙައްޤުތައް ހަނިކުރުމަށް ދީފައިވާ އިމުގެ ތެރެއިން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަންހެނުންނަށް ގޮނޑި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާ އެއްގޮތަށް އެ އިންތިޚާބު ކުރިއަށް ގެންދިއުމުގެ ޖާގަ ލިބިދޭ ކަމަށް ހައިކޯޓުން ވަނީ ނިންމަވާފައެވެ. މި މައްސަލައިގެ ޙުކުމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާޤު ވެފައެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރާއި, ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. މި ޝަރީޢަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން