ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނެއްގެ ކަންބޮޑުވުންތަކަށް މާލޭ ސިޓީ ކައުންސިލުން އަވަސް ޙައްލެއް ގެނެސްދީފިއެވެ.

ރޭ ސޯޝަލް މީޑިއާގައި ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ އަކީ ހާބަރު ފުޑްކޯޓަށް ވަރަށް ގިނައިން އަންނަ މީހެއް ކަމަށެވެ. ނަމަވެސް ފުޑްކޯޓަށް ވަންނަ ދޮރާ ދިމާލުގައި ހަރުކޮށްފައިވާ ދަގަނޑުތަކުގެ ސަބަބުން އޭނާ އަށް ފުޑް ކޯޓަށް ނުވަދެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާކަމަށް އޭނާ ބުނެފައިވެއެވެ.

"ފުޑް ކޯޓަކީ އަޅުގަނޑު ވަރަށް ގިނައިން އަންނަ ތަނެއް އެހެނަސް މިއަދު މިވަނީ ހާލަތު ބަދަލުވެފައި. އާންމު ތަންތަން ހަދާ މަރާމާތު ކުރާއިރު އަޅުގަނޑުމެންނާ މެދު ވިސްނާނީ ކޮންއިރަކުބާ." ދަގަނޑުތައް ކުރިމަތީގައި އިންދެ ނަގާފައިވާ ފޮޓޯ ޙިއްސާކުރަމުން އެ ޒުވާނާ ބުނެފައިވެއެވެ.



އެ ޒުވާނާގެ ކަންބޮޑުވުންތަކާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވަނީ، އެކަމާ މާފަށް އެދިވަޑައިގެން އެކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި، އެއީ އޮޅުމަކުން ވެފައިވާ ކަމެއް ކަމަށް ޝަމާއު ވިދާޅުވިއެވެ.



ޝަމާއު އެހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް ސިޓީ ކައުންސިލުން ވަނީ އެ ދަގަނޑުތައް ނަގައި ފުޑްކޯޓަށް ފުރޮޅުލީ ގޮނޑީގައިވެސް ވަދެވޭ ގޮތަށް އިސްލާޙު ކޮށްފައެވެ. އެކަމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ގެންދަނީ ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށް ރައްޔިތުންނަށް އަވަސް ޚިދުމަތް ފޯރުކޮށްދިނުމަކީ އެއީ ކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން