މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރ. އުނގޫފާރާއި، އއ. ބޮޑުފޮޅުދޫގެ އިތުރުން ހދ. ނެއްލައިދޫގެ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެ ކުންފުންޏާއި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 402،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1150 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުގެ އަގަކީ 75.3 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 240 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ހަމައެއާއެކު އއ. ބޮޑުފޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި މިއަދު ހަވާލުކޮށްފައިވެއެވެ. އެމަސައްކަތް މިހަވާލުކުރުމަށް މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ދަށުން، 392،850 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1052 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުގެ އަގަކީ 78.5 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ޙަވާލުކޮށްފައި ވަނީވެސް މިއަދުއެވެ. މި މަޝްރޫޢުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި ގިރާ ސަރަޙައްދު ހިމާޔަތް ކުރެވޭނެއެވެ. މި މަޝްރޫޢުގެ އަގަކީ 19.8 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 250 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މިމަސައްކަތްތައް ހަވާލުކުރުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙުމަދު ހަމީދެވެ. އެމްޓީސީސީން ގެންދަނީ ސަރުކާރުގެ ތަރައްޤީގެ ގިން މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން