ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
މި ސަރުކާރަށް އިތުރު ފްލެޓް ނޭޅިގެން އުޅޭ ސަބަބު ބައްލަވާދެއްވުމަށް އާއްމު އެކުވެރިންގެ ގުޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދަންނަވައިފިއެވެ.

އެމްޑީޕީން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ގޯތިގެދޮރާާއި ފްލެޓް ލިބެން އޮތީ އެމްޑީޕީއަށް އެޖެންޑާ19 ކާމިޔާބު ކޮށްދީގެންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ނުލިބުމާއި އެކަން ފޯރުކޮށްދިނުމުގައި ހިނގާފައިވާ ނާއިންސާފު ފަދަ ކަންކަމުގެ ފަރުވާއަކީ އެޖެންޑާ19 ކަމަށެވެ. އަދި ފްލެޓްތައް ލިބޭނީ އެޖެންޑާ19 ކާމިޔާބުކޮށްދީގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅަށް އަހަރެއްހާ ދުވަސް ފަހުން އާއްމު އެކުވެރިންގެ ގުޅުމުން މިއަދު ބުނެފައިވަނީ، ރައްޔިތުން ވަނީ އެމްޑީޕީއަށް އެޖެންޑާ19 ކާމިޔާބު ކޮށްދީފައި ކަަމަށެވެ. އެހެންކަމުން ހިޔާ މަޝްރޫޢުގެ 7،000 ފްލެޓު ބެހުމުގައި ދިމާވެގެން އުޅޭ މައްސަލަތަކާއި، އިތުރު ފްލެޓުތައް ނޭޅިގެން އުޅޭ ސަބަބު ރައީސް ނަޝީދު, ގާތުން ބައްލަވާނެ ކަމަށް އުންމީދު ކުރާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތައް ދޫކުރާ ލިސްޓުގައި އެންމެ ހާލުގައި ތިބި ރައްޔިތުން ހިމަނާފައި ނުވާ ކަމަށާއި އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ ބަލައި ފްލެޓްތައް ސީދާ ހައްގުވާ މީހުނަށް ހަވާލު ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރައީސް ޞާލިޙް ވަނީ ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެ ކޮމިޓީގެ މަސައްކަތްތައް ނިންމައި ފެބްރުއަރީ ގައި ފްލެޓް ދޫކުރަން ފަށާނެކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.

ކޮމިޓީން ކުރި މުރާޖަޢާކޮށް އުނި އިތުރު ގެނަސްފައިވާ ލިސްޓުތައް އިޢުލާން ކޮށްފައިވާއިރު ޕޮއިންޓް ދިނުމުގައި ބޮޑެތި މައްސަލަތައް ހުރިކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަހުން ޕޮއިންޓް ދިންއިދު ކުރީގެ ޕޮއިންޓަށް އައި ބަދަލާއެކު ފްލެޓް ހައްގުވާ ގިނަ ބަޔަކު ފްލެޓުން މަހްރޫމް ވެފައި ވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން