އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި ޢަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިޚާބުގެ ޚަރަދު ބޮޑުވާނެތީ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ގިނަ ޝަރުތުތަކެއް ކަނޑައަޅައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން ކެމްޕޭން ކުރުމާއި، އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެޗްޕީއޭ އިން ގެޒެޓުކޮށްފައިވާ އުސޫލުތަކުގެ ސަބަބުން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ބޮޑުތަނުން ބުރަބޮޑުވާނެ ކަމަށާއި، މިއުސޫލްގެ ސަބަބުން އިންތިޚާބުގެ ޚަރަދު ދެގުނަ ބޮޑުވާނެ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވް މީހުން ވޯޓުލުމަށް މަރުކަޒަށް ގެންދިއުމަކީވެސް ކޮމިޝަންގެ ޒިންމާއެއްކަމަށް އޮތް އޮތުމަކީވެސް ކޮމިޝަނަށް އުފުލޭވަރުގެ ތަކްލީފެއް ނޫން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް އިތުރު އެއް އަހަރަށް ދަންމާލިއެވެ.

އެ ޤާނޫނުގެ ދަށުން މި އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރި ނަމަވެސް ޤާނޫނުގައި ބުނެފައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ނައުމުގެ ސަބަބުން އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނު އިސްލާޙްކޮށް އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން