މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ (ކ) އާއި، އީސީ ޝަރީފް
މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ (ކ) އާއި، އީސީ ޝަރީފް
ކައުންސިލް އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުޅައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރަށްވާ އަލްހާން ފަހުމީ ނުރުހުން ފާޅުކުރަށްވައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޯވިޑް-19ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައި ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ދަތިވާތީ، އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅުމަށް އީސީން ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ، އިންތިޚާބު ފަސްކުރަން މަޖްލިހަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ނަގާލެވިގެން ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

"ކޮމިޝަނުން ގޮތް ނިންމަންވާނެ! ބާރު އޮންނާނެ! ނިޒާމު ގަޑުބަޑު ނުކުރައްވާ!" އަލްހާން ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް އިތުރު އެއް އަހަރަށް ދަންމާލިއެވެ.

އެ ޤާނޫނުގެ ދަށުން މި އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރި ނަމަވެސް ޤާނޫނުގައި ބުނެފައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ނައުމުގެ ސަބަބުން އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނު އިސްލާޙްކޮށް އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން