އިންތިޚާބުގެ ރީރަޖިސްޓްރޭޝަން ކުރިއަށް ދަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
އިންތިޚާބުގެ ރީރަޖިސްޓްރޭޝަން ކުރިއަށް ދަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ލަންޑަނާއި ކުއާލަލަންޕޫރުގައި ވޯޓުފޮށި ނުބެހެއްޓޭނެކަން ޔަޤީންވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބް ބާއްވަންޖެހޭ މުއްދަތު ފަހަނައަޅާ ގޮސް އިންތިޚާބު ބާއްވަން ދެފަހަރެއްގެ މަތީން ގާނޫނަށް ބަދަލު ގެނަސް ތާރީޚުތައް ކަނޑައަޅާފައިވާ އިންތިޚާބު މިހާރު ބާއްވަން ކަނޑައަޅާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި ޢަމަލު ކުރުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިޚާބުގެ ޚަރަދު ބޮޑުވާނެތީ އެކަމަށް ޙައްލެއް ހޯދުމަށް މަޖިލީހަށް ހުށައެޅުމަށް އީސީން ވަނީ ނިންމާފައެވެ.

އިންތިޚާބާ ގުޅިގެން މިއަދު ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ލަންޑަނާއި ކުއާލަލަންޕޫރުގައި ވޯޓުފޮށި ނުބެހެއްޓޭނެކަން ޔަޤީންވެފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފްވެސް މިއަދުވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.



ލަންޑަނާއި ކުއާލަލަންޕޫރުގައި ވޯޓުލުމަށް ދެހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާއިރު، އެމީހުންނަށް ވޯޓުލެވޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުމަށް ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ޚަރަދުވެސް ދެގުނަ ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް ވަނީ ދަންމާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން