އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
މިއަހަރުގެ އޭޕްރީލް 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ޢާއްމު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައިވާ ކަމަށާއި އެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓް އާއި ކޮމިޝަނުގެ ވެބްސައިޓް އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އިލެކްޝަންސްގެ 1414 ނަންބަރަށް މެސެޖެއް ކޮށްގެންވެސް ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓަރސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އެ ފުރުސަތު އޮންނާނެ ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ޝަކުވާ ހުށައެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ޝަކުވާ ހުށައަޅާނީ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ.

އަންނަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ޚަރަދުވެސް ދެގުނަ ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް ވަނީ ދަންމާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން