ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ)
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ)
ޒުވާނުން ބޭނުންވަނީ ނިއުރޭޑިއަންޓާ ވިކްޓްރީ ގަލޮޅު ދަނޑުގައި ކުޅޭ މަންޒަރު ބެލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ކުޅިވަރު ގާނޫނާ އެއްގޮތަށް، ފުޓުބޯޅާ އެސޯސިއޭޝަން (އެފްއޭއެމް) އަށް ސްޕޯޓްސް މިނިސްޓްރީން، ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައި ބުނެފައިވާގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ ދިވެހި ފުޓުބޯޅަ މިއަދު ހަލާކުވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވެފައިވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދުގެ އަތްދަށުގައި ފުޓުބޯޅަ އާއިލާ ފިތިފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓާއި ވިކްޓަރީ ދިވެހި ފުޓްބޯޅައިގައި މިއަދު ނެތްކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ދިވެހި ޒުވާނުން މިއަދު ބޭނުންވަނީ ނާޗަރަންގީ ކުޅޭނެ މަރުކަޒުތަކެއް ނޫން ކަމަށާއި، ދިވެހި ޒުވާނުން ބޭނުންވަނީ ނިއުރޭޑިއަންޓާ ވިކްޓްރީ ގަލޮޅު ދަނޑުގައި ފުޓުބޯޅަ ކުޅޭނެ މާޙައުލެއް އުފެއްދުމަށް ކަމަށެވެ. މޮސްޓާ ވިދާޅުވީ އެ މާޙައުލު އުފެއްދުމަށް މަޖިލީހުން މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

"ވިކްޓްރީގެ ޗެއަރމަންކަން ކޮށްފައިތިބި މީހުން މިތާ އެބަތިބި. ނިއުރޭޑިއަންޓްގެ ޗެއަރމަންކަން ކޮށްފައިތިބި މީހުން އެބަތިބި. އެފްއޭއެމްގެ ރައީސްކަން ކޮށްފައިތިބި ބަޔަކު އެބަތިބި. ފުޓުބޯޅަ ކުޅެފަ ފުޓުބޯޅަ ޢާއިލާގަ އުޅެފަތިބި ބަޔަކު މިތާ އެބަތިބި. އެމީސްމީހުންވެސް ދިވެހި ފުޓުބޯޅަ ތަރައްޤީ ކުރަން މަސައްކަތް ނުކޮށް، ނާޗަރަންގީ ކުޅެން ތަންތަން ހަދައިގެން އެތަންތަން ޕްރޮމޯޓް ކުރަން މަސައްކަތް ނުކޮށް މި ފުޓުބޯޅަ އަށް ދިރުމެއް ގެނެސްދޭން މަސައްކަތް ކުރާށޭ." މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ، އެފްއޭއެމުން ދަނީ ހިތުހުރިހާ ގޮތަކަށް ދިވެހި ފުޓުބޯޅަ ހަލާކު ކުރަމުން ކަމަށެވެ. އެގޮތުން ފަސްޓް ޑިވިޜަންގައި ކުޅެމުންދިޔަ އަތޮޅުތެރޭގެ ދެޓީމް ރަނގަޅު ހިސާބެއްގައި އޮއްވާ ނަގާ އެއްލާލާފައިވާ ކަމަށާއި، އެ ޓީމްތަކަށް ދޭންޖެހޭ ފައިސާވެސް ނުދީ އެދެޓީމް ބިކަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މޮސްޓާ ވިދާޅުވީ މިރާއްޖޭގެ ފުޓުބޯޅަ ހަލާކުކުރީ ސަވީދު ކިޔާ މީހެއްކަމަށާއި، މިދިޔަ ސަރުކާރަށްވެސް އަދި މި ސަރުކާރަށްވެސް ސަވީދުގެ ކިބައިން ދިވެހި ކުޅިވަރު ސަލާމަތް ނުކުރެވުނު ކަމަށެވެ. އެހެންކަމުން މޮސްޓާވަނީ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އާއި ޔޫތު މިނިސްޓަރ ފުޓުބޯޅައަށް ހެވެއް އެދޭނަމަ ނުހައްޤުން އަދަބު ދީފައިވާ ނިއުރޭޑިއަންޓާއި ވިކްޓްރީ އަލުން ގަލޮޅު ދަނޑަށް ގެނެވޭނެ ގޮތެއް ހަދައި ދިނުމަށް ގޮވާލައްވާފައެވެ.

އެފްއޭއެމްއަށް ފިޔަވަޅު އެޅުމަށް މެމްބަރު އާޒިމް މަޖިލީހަށް ހުށައެޅި މި މައްސަލައިގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން