ބޯހިޔާވަހިކަން ނުލިބިގެން ދިވެހިން ކުރާ ޝަކުވާތަކަށް ނިމުން އަންނާނެ ގޮތް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެދެއްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމު ކޮށްފައިވާއިރު ޝަރުތު ހަމަވެގެން ކުރިން ފްލެޓް ލިބުނު ގިނަ ބަޔަކަށް ފަހުން ފްލެޓް ނުލިބޭކަމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފައެވެ. ނަމަވެސް ފްލެޓް ކޮމިޓީން ބުނެފައިވަނީ ލިސްޓު ޢާއްމުކުރީ، ފްލެޓަށް އެދުނު މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ފްލެޓްގެ މައްސަލާގައި ޝަކުވާ ބޮޑުވެފައި ވަނިކޮށް އެމްޓީސީސީގެ އެމްޑީ ކަން ކުރިން ކުރެއްވި ނަސީމް ވިދާޅުވީ، މި ރާއްޖޭގައި ގެދޮރަށް އޮތީ އެންމެ ހައްލެއް ކަމަށެވެ. އެއީ 450 ހާސް ގޯތި ކަނޑާފަ ނުވަތަ ފުލެޓު އަޅާފަ އެއްދުވަހު އެއްފަހަރާ އެންމެންނަށް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނޫން ގޮތަކަށް މި މީހުނަކަށް އިންސާފުވެރިވީ ކަމަކަށް ނުވާނެ. އެހެންނޫނީ ހަމަ އޮންނާނީ ލިބޭ މީހާ ގޯސް، ނުލިބޭ މީހާގެ ޝަކުވާ.." ނަސީމް ވިދާޅުވެފައިވެއެވެ.



މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓް ކޮމިޓީގެ މެމްބަރު ޠާހާ ވިދާޅުވީ ފްލެޓަށް އެދި ފޯމް ހުށައެޅި 25000 މީހުންގެ ތެރެއިން، ދިރިއުޅުމުގެ ޙާލަތު ކަށަވަރުކުރަންޖެހުނު ސޯޅަހާހަށް ވުރެ ގިނަ މީހުންގެ ޙާލަތު އެ ކޮމިޓީން ބަލާފައިވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތައް ދިރިއުޅުނު ތަންތަނަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ފްލެޓް ލިސްޓް ޢާއްމުކޮށް ގެޒެޓް ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އެގޮތުން އެ ލިސްޓުގައި ފްލެޓް ޙައްޤުވާ 6720 މީހުން ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު