ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤު
ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤު
ޤައުމީ ފުޓުބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤާއި، ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީއަށް އަސްލެއްނެތް ތުހުމަތުތަކެއް ކުރި މައްސަލަ ތަޙުޤީޤުކޮށްދީ ފިޔަވަޅު އަޅައި ދިނުމަށް އެފްއޭއެމް އިން ގޮވާލައިފިއެވެ.

އަޝްފާޤާއި އަކްރަމަކީ ޖިހާދަށް ދިއުމަށް ތައްޔާރުވެގެން ތިބި ބައެއްކަމަށް ރައްޓެއްސަކާ ހަވާލާދީ ޓްވިޓާގައި ޙަރަކާތްތެރިވާ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ބުނެފައިވާތީ އެކަމާ ގުޅިގެން އަޝްފާޤާއި އަކްރަމްގެ ދިފާޢުގައި ކުޅިވަރު ޢާއިލާ އާއި، މުޅި ޤައުމު ވަނީ ތެދުވެފައެވެ. ސޫޒަންގެ ޓްވީޓްގައި ވަނީ އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ، ދަނޑުވެސް ގޮއްވާލާފާނެ ކަމަށާއި، ދިވެހިން ސިޑިބަރީގައި ތިބެގެން ފުޓުބޯޅަ ބަލަން ނުދަނީ އެހެންވެގެން ކަމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމްގެ އިތުރުން ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުން އަންނަ ކުޅުންތެރިން ކަމަށެވެ. އަދި ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި، މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތައް ހިފެހެއްޓުމުގައިވެސް ނަމޫނާ ދައްކާ ކުޅުންތެރިން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

ހަމައެއާއެކު ދިވެހި ކުޅުންތެރިންނަކީ ހަނގުރާމަކުރުމާއި، އިންސާނީ ކަރާމާތް ހިފެހެއްޓުމާއި، ނަސްލީ ތަފާތު ކުރުމާއި، އިންސާނީ ވަގުފާރިކުރުން ފަދަ ކުޅިވަރުގެ އަގުމާތްވި އުސޫލުތަކާ ހިލާފުވާ އެންމެހާ ކަންކަމާ ދުރުހެލި ބައެއްކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނެފައިވަނީ ދިވެހި ކުޅުންތެރިންނަކީ ހަނގުރާމަވެރި ސީރިއާގެ ޖަމާއަތްތަކާއެކު ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެ ކުޅުންތެރިންނަކީ އެފަދަ އެއްވެސް ގައިރު ގާނޫނީ ކަމެއްގައި ޝާމިލުވާނެ ބައެއްކަން އެއްވެސް ގޮތަކުން އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީސް މީޑިއާގައި އާންމުވުމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާގެ އިތުރުން ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގުނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

އަދި އެފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގޮތުން ކުރިއަރައިގެން ދިޔުމަށް ދިވެހިރާއްޖެއަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެންދާނެ ފަދަ ވާހަކައެއް ކަމަށާއި، އެ ވާހަކަތަކަކީ ގައުމުގެ ތެރޭގައި ބައިބައިވުމާއެކު ފިތުނަ ފަސާދައަށް ފުރުސަތު ލިބޭނެ ވާހަކަތައް ކަމަށްވެސް އެފްއޭއެމްއިން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ވާހަކަތަކަކީ ކުދި ކަންކަމުގެ ގޮތުގައި ނުބަލާ އެފަދަ ފަރާތްތަކުގެ ވާހަކަތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކުން އެދޭ ކަމަށާއި ކުޅުންތެރިންނާ ގުޅިގެން ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައްކާނަމަ، އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އަޝްފާޤާއި އަކްރަމް އަށް ކޮށްފައިވާ އަސްލެއްނެތް ދޮގު ތުހުމަތުތަކާ ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކުންވެސް މިހާރު ވަނީ ބަޔާން ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން