އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އެޗްޕީއޭގެ ގައިޑްލައިނާ އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިތުރަށް 42.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އިތުރަށް 42.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އަދި އިންތިޚާބުތަކާ ބެހޭ ޚާއްސަ ޤާނޫނުގެ ދަށުން އެކަން ދަޢުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުން ކަމަށާއި، ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، މި އިންތިޚާބުގައި ވޯޓަކާނުލާ ކައުންސިލް ތަކުގެ 30 ކެނޑިޑޭޓުން އިންތިޚާބުވެފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 ކެނޑިޑޭޓުން ވޯޓަކާ ނުލައި އިންތިޚާބު ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިހާބުގައި ވޯޓުލުމަށް 735 މަރުކަޒު ގާއިިމުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާލޭގައި އެކަނިވެސް 68 މަރުކަޒު ގާއިމުކުރަން ޖެހޭނެ ކަމަށާއި އަދި ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އިންތިޚާބުގެ މަސައްކަތަށް 10073 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެގޮތުން އެއް ވޯޓުފޮށި ހުންނަ މަރުކަޒުތަކަށް ވެސް ނުވަ އޮފިޝަލުން ބޭނުންވާނެ ކަމަށާއި ދެ ވޯޓުފޮށި ހުންނަ މަރުކަޒަކަށް ނަމަ 19 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެެވެ.

މި އިންތިހާބުގައި ވޯޓުލުމަށް މާލޭ ސިޓީގައި 51499 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު އައްޑޫސިޓީގައި 25055 މީހަކު އަދި ފުވައްމުލަކުން 9177 މީހެއް އަދި ކުޅުދުއްފުށީ ސިޓީގައި 6825 އަދި އެހެނިހެން އަތޮޅުތަކުން 179924 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. މި އިންތިޚާބަށް 272480 ވޯޓް ކަރުދާސް ޕްރިންޓް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން