ރަށްވެހި ފަތިސް ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް
ރަށްވެހި ފަތިސް ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއިން އިންޑިއާ އާއެކު ސޮއިކުރީ ސީދާގޮތުން ލާމަރުކަޒީ ތަރައްޤީއާ ގުޅިފައިވާ ކަންކަމުގައި ކަމަށް އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެންޕޭންގެ ފަރާތުން، ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް މިއަދު ދެއްވި ނިއުސް ބްރީފިންގްގައި ވިދާޅުވީ، ރާއްޖެއިން އިއްޔެ އިންޑިއާ އާއެކު ސޮއިކުރީ ސީދާގޮތުން ލާމަރުކަޒީ ތަރައްޤީއާ ގުޅިފައިވާ ކަންކަމަށް ކަމަށެވެ. އެގޮތުން އެކަންކަން ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލްތަކުގެ މަޝްވަރާއާއި، މަދަދާއި، އެއްބަސްވުން ބޭނުންވާނެ ކަމަށް ސައިފް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކުގެ ޒިންމާ ނުހަނު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށާއި، އަވަށްޓެރިންނަށް ކަމޭހިތާ، ހާލުބަލާ، ހެޔޮ ފޯރުވުމަކީވެސް އިންސާނިއްޔަކަމުގެ ރީތި ސިފައެއް ކަމަށެވެ. އަދި އިންޑިޔާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ބިންގަލަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ވެވުނު ކޮންމެ އެއްބަސްވުމަކީ އެމްޑީޕީގެ ތަސައްވަރާއި، ސިޔާސަތުތައް ހާސިލުކުރުމުގެ ސީދާ އަމާޒުގައި ވެވިފައިވާ އެއްބަސްވުންތަކެއް ކަމަށް ސައިފް ވިދާޅުވިއެވެ. އަދި އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދުމަށް ބައްޓަންވެފައިހުރި ޕްރޮގްރާމްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެޒިންމާ އުފުލޭނީ، ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ، އެވިސްނުން ގެނައި، އެ ނިޒާމު ހިންގުމުގެ ތެދުވެރި ޝައުޤު ހުރި ރަށްވެހި ފަތިސް ކެންޑިޑޭޓުންނަށް. އެމްޑީޕީގެ ކެންޑިޑޭޓުންނަށް." ސައިފް ވިދާޅުވިއެވެ.

ސައިފް އިތުރަށް ވިދާޅުވީ، ކޯވިޑުން ދިފާޢުވުމުގެ ހަތިޔާރަކަށް މުޅި ދުނިޔެ ބަލައިގަނެފައިވާ އޮކްސްފަޑު ޔުނިވަރސިޓީއާ ގުޅިގެން އީޖާދުކޮށް، ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުޚާނާގައި އުފައްދާފައިވާ ކޮވިޝީލްޑްގެ އިތުރު 1 ލައްލަ ޑޯޒް އިންޑިޔާ ސަރުކާރުން އަނެއްކާވެސް ހަދިޔާ ކުރައްވާފައިވާތީ، އެކަން ފާހަގަކުރާ ކަމަށެވެ. އަދި ސަރަހައްދީ އެކުވެރިކަމުގެ ހިޔަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގެ ދަށުން އިރާދަކުރެއްވިއްޔާ ކޯވިޑްގެ އަނދިރި ވިލާގަނޑުން ދިވެހިރާއްޖެ މިދަނީ ނެއްޓެން ކަމަށް މިއަދުގެ ނިއުސް ބްރީފިންގައި ސައިފް ވިދާޅުވިއެވެ.

އަދި އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވޯޓް ދެއްވާނީ ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ، އެނިޒާމު ގެނައި، އެނިޒާމު ހިންގުމުގެ ޤާބިލުކަމާއި، ޝައުޤު ހުރި އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން