މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަމަހު ބަލައިގަތް އާމްދަނީ، ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު މީރާއަށް ވަނީ 994.12 މިލިއަން ރުފިޔާ ބަލައިގަނެފައެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.9 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ފެބުރުވަރީ 2021 ގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އެ މަހުގައި ލިބިފައިވާ އާމްދަނީ 41.2 އިންސައްތަ އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުންކަމުގައި މީރާއިން މައުލޫމާތުދެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީމަހާ އަޅާބަލާއިރު މިދިޔަމަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، ގްރީން ޓެކްސް، ބީ.ޕީ.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

ފެބުރުވަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 67.7 އިންސައްތަ ނުވަތަ 672.79 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.8 އިންސައްތަ ނުވަތަ 107.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ (6.4 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 34.08 މިލިއަން ރުފިޔާ (3.4އިންސައްތަ)، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ (3.4އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ (8.3އިންސައްތަ) ހިމެނެއެވެ.

ފެބުރުވަރީ 2021 ގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން