އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އިޤްތިޞާދީ ވުޒާރާއިން ހުޅުވާލާފައިފި އެވެ.

އިޤްތިޞާދީ ވުޒާރާއިން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓް ފަހަރަށް ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ، ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ކަމަށް އެ މިނިސްޓަރީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމުކުރުމަށް ރޭވިފައިވާއިރު އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު އުފުލުމުގެ ކެޕޭސިޓީ ގާއިމުކުރުމަށް ވަނީ އަމާޒުކުރެވިފައެވެ. އެ މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.



ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީކުރުމަށް ރޭވިފައިވަނީ އިހަވަންދިއްޕޮޅުގައި ކަމަށާއި، އެ ހިސާބަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވުމާއެކު މި ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމުކުރުމަށް ވަރަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އަދި މި މަޝްރޫއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނާ ޓާމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިޔާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އަދި މި ސަރަޙައްދުގެ އެހެނިހެން ޓްރާންޝިޕްމެންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއު ކާމިޔާބު ކަމާއެކީ ތަންފީޒުކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އިގްތިޞާދު ފުޅާކޮށް، ޑައިވެސިފައި ކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އިގްތިޞާދީ ތަރައްގީ ލާމަރުކަޒު ކުރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިގްތިޞާދީ ވަރުގަދަ ހަބެއް ގާއިމުކުރެވޭނެ ކަމަށާއި، އޭގެ އިތުރުން ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވި، އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމީވެސް އެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާ ގުޅޭ އިއުލާނާއި މަޝްރޫއުގެ އިންފޯމޭޝަން މެމޮރެންޑަމް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކިނބޫ

19-Mar-2021

އެހެންތަ. ތިތަން ބަލަހައްޓަން އިންޑިއާ ކިތައް ސިފައިން ތިބޭނެ? ސިއްރެއް ދޯ!



ޓްރެންޑިން