ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
ކޮންމެ ސެމިސްޓަރ އެއްގައި އޭލެވަލް އިމްތިހާން ހެދި ނަމަވެސް ގަދަ 10 ގައި ހިމެނޭނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ގަދަ ދިހައެއްގެ ދަރިވަރުން ހޮވުމުގައި ބަލާނީ އޭޕްރީލް އަދި މެއި މަހުގެ އޭލެވަލް ނަތީޖާއަށް ކަމަށެވެ. އެކަމާ ގުޅިގެން އެ މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ، އައިއޭއެލްގެ ޓައިމްޓޭބަލަށް ގެނައި ބަދަލާއި ގުޅިގެން ގިނަ ދަރިވަރުންތަކަކަށް ނުތަނަވަސްކަން ކުރިމަތި ވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަކީ މުހިއްމުކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އަމަލު ކުރުމަށް ކުރިން ނިންމި ނިންމުން ރިވިއުކޮށް، ކޮންމެ ދުވަސްވަރެއްގައި އިމްތިހާނުގައި ބައިވެރިވި ނަަމަވެސް، އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ދަރިވަރުން ޓޮޕް 10 އަދި ޕްރެޒިޑެންޝަލް ސްކޮލާޝިޕަށް އެލިޖިބަލް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދަރިވަރުންގެ ހިޔާލު ހޯދުމަށް ސްކޫލުތަކުގައި އެދިފައިވާނެ ކަމަށާއި، ދަރިވަރުން އެދެނީ އޭޕްރީލް/މެއި އިމްތިހާނުގައި ނުވަތަ އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވުންތޯ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް މިހާރު ހުށައަޅާފައިވާ ފޯމު އަނބުރާ ނެގޭނީ އައިއޭލެވެލްގެ މާއްދާތަކުން އެކަނި ކަމަށާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އަންގަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާން ފަށާނީ 26 އޭޕްރީލް ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި އޮންނަ އޭލެވެލް އިމްތިހާނުގައި ދޭނީ އެޑެކްސެލްއިން ތައްޔާރުުކުރާ ޓެސްޓް ޕޭޕަރެއްކަމަށާއި، ސެޓްފިކެޓްވެސް ދޭނީ އެޑެކްސެލުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން އިމްތިހާން އޮންނާނީ އެޑެކްސެލުން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް، އެ ތާރީޚް ތަކާއި އެއްގޮތަށެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބާއްވަން އުޅުނު އައިޖީސީއެސްއީއާއި އޭލެވެލް އިމްތިހާން އިނގިރޭސިވިލާތުން ކެންސަލްކުރުމާއެކު، ރާއްޖެއިން ވަނީ އެ ދެ އިމްތިހާނު މިއަހަރުގެ މެއި، ޖޫނަށް ފަސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން