ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަރޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވަނީ، މިވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން ނިމިދިޔަ 2020 ވަނަ އަހަރަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއާ އަދި މުޅި ދުނިޔެއަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތާއެކު މިއިން ޒަމާނަކުވެސް ރާއްޖެ ތަޙައްމަލު ނުކުރާހާ މިންވަރަށް އިޤްތިޞާދީގޮތުން ދަތި ޙާލަތެއް ތަޙައްމަލުކުރަން ޖެހުނު އަހަރެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އަދި މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 26 އިންސައްތައާ 29 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަމަށާއި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެނދުގެ 80 އިންސައްތަ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށާއި އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެކަމަށް ބެލެވޭކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންގެންދާ ޤައުމީ މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެކަމަށެވެ. އެއާއެކު އެޕްރީލް އަދި މެއި މަސް ނިމޭއިރު އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން