އެމްޔޫ ސްޓޯރ
އެމްޔޫ ސްޓޯރ
އެމްޔޫ ސްޓޯރުން ވައްކަންކުރި މައްސަލާގައި އިއްވި ޙުކުމް އިސްތިޢުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ފިލާ ބިލްޑިންގ އާ އިންވެގެން ހުންނަ އެމްޔޫ ސްޓޯރުގެ އޮފީހުގައި ހުރި ތިން ތިޖޫރި ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

2016 ވަނަ އަހަރުގެ އޭޕްރީލް މަހު، އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް ފަޅާލާ 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު ވަގަށް ނެގި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. އެ ފަސް މީހުންނަކީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީންގެ އިތުރުން ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފެވެ.

އެމީހުން ހ. ބުރަކިގޭގައި ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގެ ވައިގޮޅި ތެރެއަށް ބޮޑެތި ދަބަސް ތަކެއް އުކާލާފައި ވަނިކޮށް ފެނިފައިވާ ކަމަށާއި، އެ ދަބަސްތަކުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ 17 ހާސް ޔޫއެސް ޑޮލަރު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ގާޒީ އަލީ އާދަމް އިއްވެވި ހުކުމުގައިވަނީ ތިން ތިޖޫރީ ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުމުން ކަމަށާއި، ދައުވާ ލިބޭ މީހުންގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާ ކަމަށާއި، ފެނުނު ފައިސާ އާއި އެ ފަސް މީހުންނާ ގުޅުވޭނެ ހެއްކެއް ނެތުމުން ދައުވާ ސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން