އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ މާލޭ ސިޓީގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބާ ގުޅިގެން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެޕާޓީން އެދޭ ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ދާއިރާތަކަކީ މެދު ހެންވޭރު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއާއި، މާފަންނު ހުޅަނގު ދާއިރާގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށިތަކެވެ. މި ދާއިރާތަކުގައި ކެނޑިޑޭޓުންގެ ދެމެދުގައި ކުޑަ ފަރަޤެއް ހުރިއިރު މި އިންތިޚާބުގައި ވޯޓު ލާފައިވަނީ މާލެއަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 29 އިންސައްތައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، އިންތިޚާބުން އެމްޑީޕީ ބަލިވެފައިވާކަން ޤަބޫލުކުރަށްވާކަމަށް ވިދާޅުވެފައެވެ. އަދި މާލެއިން ލިބުނީ ފަސް ގޮނޑިކަމަށާއި ނަމަވެސް ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. އެއްބަޔަކު ބުނާގޮތުން އެމްޑީޕީގެ ނާކާމިޔާބީގެ އަސްލަކީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމެެވެ. އަނެއްބަޔަކު ދެކޭގޮތުގައި ނާކާމިޔާބީގެ އަސްލަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން