ޕްރޮފެޝަރ އުގައިލާއިމެދު ފަޚުރުވެރިވަނީ އައްޑޫގެ ރައްޔިތުން އެކަންޏެއް ނޫނެވެ. އޭނާ ދަންނަ ގިނަ ދިވެހީން އޭނާއާއި މެދު ފަޚުރުވެރިވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮފެސަރ އުގައިލަކީ ހަގީގަތުގައި ވެސް ގައުމު ފަޚުރުވެރިވާ ދަރިއެކެވެ. އަޅުގަނޑުމެން އެންމެންގެ "މަންމަގެ" ފަޚުރުވެރި ދަރިއެކެވެ. އެއީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

ޕްރޮފެސަރ އުގައިލަކީ ދިވެހި ދަރިއެކެވެ. މުޅި ދުނިޔެ ބަލައިގަންނަ މަށް ދިވެހި ދަރިއެކެވެ. އޭނާގެ ނަން ބައިނަލްއަޤްވާމީ މައިދާނުގައި ކިޔާ ކޮންމެ ފަހަރަކުމެ އެ ނަމުގެ ކުރިއަށް އަންނަނީ އެއީ ދިވެހިރާއްޖޭގެ ދިވެހި ދަރިއެއްގެ ގޮތުގައެވެ. އެއީ ޕްރޮފެސަރ އުގައިލުވެސް އެންމެ ފަޚުރުވެރިވާ ގޮތެވެ. އޭނާއަކީ މިގައުމަށް އެންމެ ގިނަ ޢިލްމީ ދަރީން އުފަންކުރި އެއް އަތޮޅު ނުވަތަ ރަށް ކަމަށްވާ އައްޑޫގެ، އައްޑު އަތޮޅުގެ ދަރިއެކެވެ. އޭނާ އެންމެ ފަޚުރުވެރިވަނީ ވެސް އޭނާގެ ނަމުގެ ކުރިއަށް އައްޑޫގެ ނަން އަންނާތީއެވެ.

އުގައިލަކީ އެންމެ ހިނދުކޮޅަކަށްވެސް އެކަން ހަނދާން ނައްތާލާ އަދި ނައްތާލާން ބޭނުންވާ ވެސް ބޭފުޅެއް ނޫނެވެ. އެއީ އޭނާ ފަޚުރުވެރިކަމާއެކު ވިދާޅުވާ ލަގަބެކެވެ. އަޅުގަނޑަށް މިކަން އެންމެ ފަހުން ފާހަގަވީ މިފަހަކުން ބޭއްވި އޮންލައިން ޕެނަލެއްގައި އުގައިލް ތަޢާރަފުވެ ވަޑައިގަންނަވަމުން އެތައް ފަހަރަކު ފަޚުރުވެރިކަމާއެކު އެ ލަގަބު ބޭނުންފުޅު ކުރެއްވީމައެވެ. އޭނާ އެ ޕެނަލްގައި ވާހަކަ ދައްކަވަން ފެއްޓެވީ، "އަޅުގަނޑަކީ އައްޑު އަތޮޅަށް އުފަން އައްޑުއަތޮޅު ދެކެ ލޯބިވާ މީހެއް" ކަމަށް، ވަރަށް ފަޚުރުވެރިކަމާއެކު ވިދާޅުވަމުންނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބާރުގަދަ އެންމެ މުއްސަނދި ބިމުގައި ހުންނަވައިގެން ފަޚުރުވެރިކަމާއެކު އޭނާ އެވާހަކަ ވިދާޅުވުމުން ހަމަ ހަގީގަތުގައި ވެސް އުފަލުން ރޮވުނެވެ. ހަގީގަތުގައި ވެސް ޕްރޮފެސަރ އުގައިލަކީ އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ހުނަރާއި އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ޙިލްމު ލިބިވަޑައިގެން ހުންނެވި ދިވެހި ގައުމާއި ދިވެހި ރައްޔިތުންދެކެ ލޯބިވާ ބޭފުޅެކެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

މިދެންނެވި ޕެނަލަކީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ނިންމާފައިވާ ނިންމުމާމެދު ޢިލްމީ ބަހުސެއް ހިނގި ފޯރަމެކެވެ. ގައުމާއި އަދި ރައްޔިތުންނާ ކިތަންމެ ދުރުގައި މިވަގުތު އުގައިލް ހުންނެވި ނަމަވެސް އޭނާއަކީ ދިވެހި ގައުމީ ކަންކަމުގައި ވަރަށް ބޮޑަށް ވިސްނާ ވަޑައިގެން އެކި ކަންކަމުގައި ލަފަޔާއި އިރުޝާދު ދެއްވާ ބޭފުޅެކެވެ. ވަކި ސިޔާސީ ފިކުރެއް ނުގެންގުޅުއްވާ ބޭފުޅެކެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އުގައިލުގެ ފަރާތުން އޭނާގެ އިލްމާއި ފަންނުގެ ތެރެއިން އެހީތެރިކަމަކަށް އެދިއްޖެނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަން ކޮށްދެއްވާން ތައްޔާރަށް ހުންނަވާ ބޭފުޅެކެވެ. މިވާހަކަ މިދަންނަވަނީ އެކަން އެނގިހުރި މީހެއްގެ ހައިސިއްޔަތުންނެވެ. އުގައިލު ވަނީ މިސަރުކާރުންވެސް އޭނާގެ ކިބައިން އެފަދަ ކަމަކަށް ބޭނުން ވެއްޖެނަމަ އުފަލާއެކު އެކަމެއް ކޮށްދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއްނޫން. އަޅުގަނޑު މިތާގައި މިވާހަކަދައްކަނީ އަޅުގަނޑަކީ އައްޑޫގެ ރައްޔިތަކަށްވާތީ އައްޑޫގެ ރައްޔިތުންނަށާއި އައްޑޫއަށް ފައިދާހުރި ހެއުގޮތް އެދޭތީ އަޅުގަނޑު މިވާހަކަ ދައްކަނީ." ކުރިން މިދެންނެވި ޕެނަލުގައި ބައިވެރިވެ ވަޑައިގެން އުގައިލު ވާހަކަ ފެއްޓެވީވެސް އޭނާ އެމައުޟޫގައި ވާހަކަ ދައްކަވަނީ އެއްވެސް ސިޔާސީ ފިކުރެއްގައި ނޫންކަން ހާމަކުރަށްވަމުންނެވެ.

އޭނާ އެޕެނަލުގައި ވާހަކަ ދެއްކެވީ ޑިޕްލޮމެޓިކް ސިޔާސަތު ހިނގާ ގޮތާއި އަވަށްޓެރި ގައުމެއްގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން ޖެހޭ ސަބަބާއި ހުޅުވުމުން ލިބޭނެ ފައިދާތަކާމެދު ދެކެވޭ ވާހަކައިގެ މައްޗަށެވެ. އެގޮތުން 200 ވަރަކަށް މިލިއަން ޑޮލަރުގެ މަޝްރޫޢުތަކެއް ހިންގާތީ ނުވަތަ އެފަދަ ލޯނެއް ދީފައި އޭގެ ބަދަލުގައި ގައުމެއްގެ ޑިޕްލޮމެޓިކް އޮފީހެއް އައްޑޫގައި ގާއިމު ކުރަން ބޭނުންވާ ސަބަބަކީ ކޮބައިކަން ބުނެދޭން ޖެހޭނެ، ނުވަތަ ސާފުވާން ޖެހޭކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. އަދި އެއީ އެ ފައިސާކޮޅުގެ ބަދަލުގައި ކުރާ ކަމެއްނަމަ އެއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫން ކަމުގައި އުގައިލް ވިދާޅުވިއެވެ.

މީގެއިތުރުން ގައުމެއްގައި ހުޅުވާ ޑިޕްލޮމެޓިކް އޮފީހަކީ ފަސޭހައިން އުވާލައި ބަންދު ކުރެވޭނެ ތަންތަނަށް ނުވާތީ އެފަދަ އޮފީހެއް ވަކި ރަށެއްގައި ހުޅުވައިގެން ފަހުން އަންނަ ލޮޅުމަކުން އެތަން ބަންދުކުރާން ބޭނުން ވެއްޖެ ހާލަތެއްގައި އެކަން ކުރުމަކީ ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަކަށް ވާތީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެކަމުން ލިބޭނެ ފައިދާއާއި ލިބިދާނެ ގެއްލުމާއި ކުރިމަތިވެދާނެ ކަންކަމާއިމެދު ފުންކޮށް ވިސްނަން ޖެހޭނެކަން އުގައިލް ފާހަގަ ކުރެއްވިއެވެ. އުގައިލް އެޕެނަލްގައި ދެއްކެވީ ހަމަ ވަރަށް ޢިލްމީ އަދި އެކަން ކުރާން ބޭނުންވެފައި ތިބި ބަޔަކު ވެސް ވިސްނާ ފިކުރުކުރަން ޖެހޭނެ ގައުމީ ވާހަކަ ތަކެކެވެ.

ނަމަވެސް އެ ޕެނަލަށްފަހު ޕްރޮފެސަރ އުގައިލަށް ކުރިމަތިވީ މަދުބައެއްގެ ފާޑުކިއުމެވެ. އައްޑޫގައި އެ އޮފީސް ހަދަން ފެންބޮވައިގެންފައި ތިބި މަދު ބަޔަކަށް އުގައިލް ދެން ސިފަވީ ވަރަށް ތާކުންތާކު. ނުޖެހޭ "ކަޑަ" މީހެއްގެ ގޮތުގައެވެ. އެފަރާތްތަކުން ތުހުމަތު ކުރީ އެއީ ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާތީ ދެއްކެވި ވާހަކަތަކެއްގެ ގޮތުގައެވެ. އެމީހުން އުގައިލް ލޭބަލް ކުރީ އައްޑޫގެ ރައްޔިތުންނަށް ލިބޭ ފައިދާގަނޑެއްގައި އަތްއަޅުއްވާން އުޅޭ ތާކުންތާކު ނުޖެހޭ ބޭފުޅެއްގެ ގޮތުގައެވެ. އެހާހިސާބުން ކުރިން ރަންގަނޑެއްގެ ގޮތުގައި ފެނުނު އުގައިލް ކުއްލިއަކަށް "ގުއިގަނޑަކަށް" ވީއެވެ.

މިހިރީ ދިވެހީންގެ ސިޔާސީ ފިކުރު މިހާރު ހުރި ހިސާބެވެ. ތިމާއަށް ސިޔާސީ މަގާމެއް ބާރެއް ލިބުމުން ތިމާ ގަބޫލުކުރާ ގޮތް ނޫން ގޮތަކަށް ޢިލްމީ ގޮތުންނާއި ދުނިޔަވީ ތަޖުރިބާގެ އަލީގައި ބަހެއް ބުނުމަކީ ވެސް ކަޑަކަމެކެވެ. އެއީ ކަޑަމީހެކެވެ. ތިމާއާއި ތިމާގެ ސިޔާސީ ފިކުރުގެ މީހުން ނިންމާ ނިންމުމަކީ އެންމެ މޮޅު ނިންމުމެވެ. އެއަށް ގޮތްކިޔާ މީހަކީ ތިމާއާދެކޮޅު މީހެކެވެ. ވަރަށް އެއްޗެއް ނޭނގޭ މީހެކެވެ. ތާކުންތާކު ނުޖެހޭ މީހެކެވެ.

އެކަމަކު އެބުނާ ކޮންސިއުލޭޓް އޮފީހެއް ގެނަސްގެން އައްޑޫއަށް ނިކަން ބޮޑުކޮށް ފައިދާވެ ރައްޔިތުންގެ އަތްމަތި ތަނަވަސްވެ ޖީބުތައްފުރި މުޅި އައްޑޫ ސިޓީއާއި މުޅި ހިސާބުގަނޑަށް އޭގެ ފައިދާ އޮހި، ކޯރެއްގެ ދެމޭ ފެންގަނޑު ފަދައިން މުޅި ހިސާބުގަނޑުގެ ރައްޔިތުންނާއި ހަމައަށް ދެމިގެންދާނެ ކަމަށް އުގައިލަށް ފާޑުވިދާޅުވާ ފަރާތްތަކުން ސިފަކުރާއިރު އޭގެ އެއްވެސް ހެއްކެއް ގަރީނާއެއް ދެއްކޭނަމަ ޕްރޮފެސަރ އުގައިލްވެސް އެކަން ބަލައިގަންނާނެކަން ކަށަވަރެވެ. ޕްރޮފެސަރ އުގައިލްގެ ވާހަކައަކީވެސް މިކުރަން އުޅޭ ކަމެއްގެ ފުރިހަމަ މައުލޫމާތު ނުވަތަ ޑޭޓާނެތި ނޫންނަމަ ނޭނގި ތިބެ ރައްޔިތުންނަށް އަވާމެންދުރު ނުދެއްކުމަށާއި އޮޅުވައި ނުލުމެވެ. ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން އެފަދަ ކަންކަން ކުރުމަށެވެ. ޢިލްމާއި ހުނަރުގެ ގޮތުން ވާނެ ފައިދާއެއް ރައްޔިތުންނަށް ރީތިކޮށް އޮޅުން ފިލުވައި ދިނުމެވެ. އެކަމުގެ ސަބަބުން ވަޒީފާނެތިފައި ތިބި ކިތައް ޒުވާނުންނަށް ވަޒީފާލިބޭނެކަން ބުނެދިނުމެވެ. އޭގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަމަށް އަންނާނެ ކުރިއެރުންތައް ރައްޔިތުންނަށް ބުނެދިނުމެވެ.

200 މިލިއަން ރުފިޔާ ނުވަތަ ޑޮލަރުގެ ދަރަންޏަކީ ވަގުތީ ފައިދާއެއްކަމާއި އަދި އެއީ އެފަދަ ކަމަކަށް އާނބަސް ބުނުމަށް ކުޑަ "މަދޮށްޓެއްގެ" މިންވަރުކަން އުގައިލް ފާހަގަކުރަށްވައެވެ. ކިތަންމެ ބޮޑު އަގެއް ދިނަސް ނުވިއްކާން ޖެހޭނެ މުދަލާއި އިމްތިޔާޒުތައް ގައުމެއްގެ ހައިސިއްޔަތުންވެސް އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންވެސް ހުންނާނެކަން ޕްރޮފެސަރ އުގައިލު އެ ޕެނަލްގައި ދެއްކެވި ވާހަކައިން ކިތަންމެ ރަނގަޅަކަށް ވެސް އެނގިގެން ދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު


19

ޙުސޭން

13-Jun-2021

ޢައްޑޫ އަތެޅެ ގަމަށް އޮވެއި, އެ ގަމަކީ އައްޑޫމީހުން ގަން ހިނގުވާއް އޮންނެތާން. އެގަމަކަށް އަައްޑޫ މިީހުނަށް ބާރަށް ނިފޯރާހެއް. ދެންއޮތީ އައްޑޫ މީހުން މާދުމެއި އެސް މަސައްކަތް ކެރާއް އޮތް ބިންކެޑާ. ޢެ ބިންކެޑާ އެދިނީ އިންޑިއާ މީހުންނަށް. އައްޑޫ އަތެޅެ ގަމުން އައްޑޫ މީހުންނަށް ކެރާ ފާއިދާއްނެތް. އައްޑޫ ސިޓީ ކައުންސިލަކަށަސް ނިއެނގޭހެއް ގަމި ހިނގާ އެއްވިއަސް ކަމަށް. ސިޓީ އެއްފެހޭ އެސިޓީ އެއް ނިސްބަތްވޭ ސަރަހައްދަކި ތިބި ބިންބިމާއި ރުއްގިހާއި ކަނޑަފަޅަ ވޭއްޖެހޭނެއި އެސިޓިގެ އެސެޓަށް. އެސިޓީގެ ރައްޔިތުންގެ މުދަލަށް. ޢައްޑުއަތެޅެ ގަން ބޭރުގެ އިންވެސްޓްމެންޓް ހޯދަގެން ހިނގުވާއް އައްޑޫމީހުނަށް ދޫކޮށްލީފެހޭ ކިޔަންވޭނެއި..ހަމަ ޔަޤީނުނަސް އަފިރިޔެ އެކަން ކެރާށުމާ..


29

ކޮއްކަލެފުތާ

13-Jun-2021

ތާރީޚީ ނަޒަރަކުން ބަލާއިރު ލޮޅުންއެރުން ގާތްކަމެއް. އިންސްޓިއުޓްތައް މިހާބަލިކަށި ތަނެއްގަ އަދި ރިހާކުރުފުޅި ނެގި މީހާގެ ކަނތައް ނޫން އެހެން ކަމެއް ނުބެލިގެން އުޅޭއިރު


13

އާޒިންބެ

08-Jun-2021

ޓުރިވެންޑުރަމްގައިވެސް ދިއްލީގައިވެސް ރާއްޖޭގެ ކޮންސިއުލޭޓުހުރެ! އެކަމަކު އެއިން އެއްތަނެއްގެ ސަބަބުންވެސް އިންޑިޔާއަކަށް އިންޑިޔާގެ ރައްޔިތަކަށް ތަރައްގީއާއި ތަހުޒީބެއް އަދި ވަކި މޮޅު ގޮތެއް ފަސޭހައެއްވެސް ނުވެ! ދިވެހިންނަށް ފަސޭހަވެ! މޮޅު ރަނަގަޅު ގޮތްވެސް ވެ!


6

މާސް

08-Jun-2021

ޙަގީގަތަށް ވާހަކަ ދައްކާ މީހެއްގެ އަގެއް ނުހުންނާނެ


-5

ޢަސްދަނޑި/ މާލެ

08-Jun-2021

ޓްރިވެންޑްރަމްގަ ހުންނަ ކޮންސިއުލޭޓުން އެތަނަށް ދިވެހިރާއްޖެއިން ކިތހަހ އިންވެސްޓް މަންޓް ގެންދިޔަބާ! ޢެއީ ގިނަދިވެހީންއުޅެތަނެއް ވީމާ ވިސާއާއި ެެެެެއ ެެެެެެެެެެެެީެެެެެެެެެެެެީުެެެެެެެެެެެެީެެެެެެނޫންވެސް ފަސޭހަތަސް ދިވެހީންނަށްފިނުމަށް ހުންނަތަނެއް, ވީ އިރު އައްޑޫގައި ކތައްހާސް ްްިްްިްްިްްިްްިްްިްްިްްިްްިްްިްްިްްިްްިްްިްްިްްިންޑިޔަނުން ެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުެެުއުޅޭތީ ނުވަތ އުޅުމަށްރާވަތީ ބާ ދުނިޔެ ހުއްޓިފވީ މި ވަގުތުގައި މިކަމެއް މާ މިހިންމު ވީ??? އެމީހުނީ އަބަދު މިގައުމަށް ދަހިވެވެތިވެ, މަލިކުވެސް ފޭރިގަތް މީހުން, ވީ އިރު ވަރަށް ވިސްނަން ޖެހޭ...


15

މަސްވެރިއެއް

08-Jun-2021

އަދިވެސް ރަންގަޑެއް. ޤައުމު ދަވާލަން އުޅޭ ބޯގަޅި ބޭފުޅުންނަށް ކެތެއްނުކުރެވޭނެ އެހެން މީހަކު ވިދުން. އެކަހަލަ ހޮއެއް ކޮންމެ އެއްޗެކޭކިޔަސް ފުރިފަހުރިއެއްޗެއް ގުޑުގުޑެއް ނާޅާނެ.


7

އަލީ އަހްމަދު

08-Jun-2021

ޓުރެވެންޑްރަމް ގައި ރާއްޖޭގެ ކޮންސިއުލޭޓެއްހުރޭތަ , ދިއްލީގަ އެންބަސީ އެއްހުރޭތަ ,


5

ސަމީލާ

08-Jun-2021

ދިވެހި ދަރިންމަށް އައިޓީ ދާއިރާއިން ކޯންޗެއް ލިބުނީ


16

އައްޑޫ މީހާ

08-Jun-2021

މާސިޔާސީވެގައްމެއި މީހުން ކުރިމަތީ އަގެއްނެތް



ޓްރެންޑިން