އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ލީގަލް އިމިއުނިޓީ ދިނުމުގެ ބާރު ގާނޫނުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ލިބިދެވޭ މަފްހޫމެއް ނޫން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތު ފައިސާ އެކި ފަރާތްތަކަށް ބެހިކަމަށް ދައުލަތުން ތުހުމަތުކުރާ އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމާފައެވެ. އެ ނިންމުން ނިންމާފައިވާކަން ދައުލަތުން ހާމަކުރީ ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ރައީސް ޔާމިންގެ އިސްތިއުނާފް ޝަރީއަތުގެ މަޖިލީހުގައެވެ.

އެކަމަށް އިޝާރަތް ކުރައްވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ގާނޫނީ އިމްތިޔާޒެއް ދިނުމުގެ ބާރު ގާނޫނުން ޕީޖީއަށް ލިބިދެވޭ މަފްހޫމެއް ނޫން ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ހެދޭނީ ހަމަ އެކަނި ވަކި ދައުވާއެއް ކުރުމަށް ނުވަތަ ކޮށްފައިވާ ބައެއް ދައުވާތައް އަނބުރާ ގެނައުމަށް ނުވަތަ ކުށުގެ އަދަބު ލުއި ކޮށްދިނުމަށް ކަމަށް ހައިލަމް ވިދާޅުވިއެވެ. ގާނޫނުގައި އެކަން ބަޔާންކޮށްފައިވާ މާއްދާވެސް ހައިލަމް ވަނީ ހިއްސާކުރައްވާފައެވެ.



"އިއުތިރާފުގެ އެއްބަސްވުމަކީ ތުހުމަތުކުރެވޭ މީހާ އިސްލާހުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ގާނޫނުގައި ބަޔާންކުރެވިފައިވާ ބާބެއް." ހައިލަމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭންކުތަކުގެ ތެރެއިން ދައުރުކޮށް ދޮވެ އެކިމީހުންގެ އެކައުންޓްތަކަށް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު ސަރުކާރުން ވަނީ އެނޯޓިސް ފަހުން ބާތިލްކޮށްފައެވެ.

މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.



"އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން ބުނީ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބުދު ﷲ ޔާމިން ފިޔަވައި އެމައްސަލައިގައި ފައިސާ ޖަމާވި ކަމަށް ބުނާ ބައެއްގެ މައްޗަށް ދައުލަތުން މިހާތަނަށް ދައުވާ އުފުލާފައެެއް ނުވެއެވެ. ރައީސް ޔާމިންގެ އެކައުންޓަށް އެސްއޯފް އިން ޖަމާކުރި އެއް މިިލިއަން ޑޮލަރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން