image ގައްދޫ ރަޝީދު   11 ނޮވެމްބަރު 2021 - 19:29
05 ވަނަ ބައި

................

ވެރިމީހާގެ ގޭގައި މިވަގުތު އޮތީ ހިމޭންކަމެވެ. ކިޔެވެލި ކިޔެވުމާ ދުޢާކުރުން އަދިވެސް ކުރިޔަށް ދެއެވެ. ފަޤީރުންނަށް ފައިސާ ބެހެމުން ދެއެވެ. އެހެން ނަމަވެސް އިއްޔެއަށްވުރެ އަމާނެވެ. ތިރްލޯކް ގޭގެ ނޯކަރަކާ ސުވާލު ކުރިއެވެ.

"ހޮސްޕިޓަލުން އެއްވެސް ޚަބަރެއް ލިބުނު ހެއްޔެވެ؟"

"އާނއެކެވެ. މިހާރު އިހުނަށްވުރެ ރަނގަޅެވެ."

"ޝުކުރު ހުއްޓެވެ."

ކަލާނގެ ނަމުގައި ޚަރަދުކުރެވޭ އެއްޗެތީގައި ބަރަކާތެއް ނުހުންނާނެ ހެއްޔެވެ. މިހާތަނަށް ސޭޓުގެ އަތުން ހަތްދިހަފަސްލައްކަ ރުފިޔާ ޚަރަދު ވެއްޖެއެވެ. އޭގެ ތެރެއިން ދިހަލައްކަ ރުފިޔާ ހެދުމާއި އަންނައުނަށް ޚަރަދު ކޮށްފައިވެއެވެ.

"ތިޔަކަމުގައި ކަލާނގެ ހެޔޮ ރަޙްމަތް ލައްވާނެކަން ގައިމެވެ."

"ދެން އިރާދަކުރެއްވިއްޔާ ރަނގަޅު ވެދާނެއެވެ. ރޭގައި އެމެރިކާއިން ޑަކްޓަރަކު ފުރައިފިއެވެ. މިއަދު ދޭއް ޖަހަންވާއިރަށް އަތުވެދާނެއެވެ."

"މިހާރު ސޭޓް ކޮބައި ހެއްޔެވެ."

"އެންމެ ފަހަތަށް ހުރި ކޮޓަރީގައި އެސިސްޓަންޓް މެނޭޖަރާ ދެބޭކަލުން އެބަ ތިއްބެވިއެވެ."

"ކުރަނީ ކީއްހެއްޔެވެ."

"އެސިސްޓަންޓް މެނޭޖަރގެ އެދިލެއްވުމާއެކު އޮފީހުގެ ސްޓާފުންގެ މުސާރަ ޗެކްގައި ސޮއިކުރައްވަނީއެވެ. މިއަދު އެންމެންގެ މުސާރަ ލިބޭނެވެ."

ތިރްލޯކް ޖެހިލުންވެ ހުރެ ބުންޏެވެ.

"ބޭބޭއެވެ. އަހަންނަށް ސޭޓާ ބައްދަލު ކުރެވިދާނެ ހެއްޔެވެ؟"

"ބައްދަލު ނުވާންވީ ކީއްވެގެންހެއްޔެވެ. މިއަދު ހުރިހާ މީހުންނަށްވެސް ސާހަބާ ބައްދަލުވުމުގެ ދޮރު ހުޅުވިފައިވެއެވެ."

ތިރްލޯކްގެ ހިތް ބާރަށް ތެޅިގަތެވެ. ވީ އުފަލުންނެވެ. މިއަދު އޭނާގެ ބޭނުން ފުދިދާން ކަމުގައި ހީވާ ކަހަލައެވެ. ސާހަބު މިއަދު ވިހިހާސް ރުފިޔާ ދެއްވާނެ ކަންގައިމެވެ. އަދި އޭނާގެ ރޫޕާގެ އޮޕަރޭޝަން ކުރެވިދާނެވެ.

ނޯކަރު އެތެރެއަށް ވަދެއްޖެއެވެ. ދެން ކުޑައިރުކޮޅަކަށްފަހު އެސިސްޓެންޓް މެނޭޖަރ ބޭރަށް ނުކުމެއްޖެއެވެ. އޭނާ ސިހިއްޖެއެވެ. ދެން ޙައިރާންވެފައި ބުންޏެވެ.

"ތިރްލޯކް އެވެ. އޮފީހަކަށް ނުދަމު ހެއްޔެވެ؟"

"އަޅު.... އަޅުގަނޑު ހީކުރީ މިއަދު އޮފީސް ނުހުޅުވާނެ ކަމަށެވެ."

"އޮފީސް ހުޅުވިއްޖެއެވެ. މަސައްކަތް ހިނގާން ފަށައިފިއެވެ. މިހާރު ސާހަބުގެ ދަރިފުޅުގެ ޙާލުވެސް ރަނގަޅެވެ. މިކޮޅަށް އަތުވެދާނެކަމުގެ އުއްމީދު ވަރަށްބޮޑެވެ. އޮފީހަށް ދާށެވެ. އަހަރެން ބޮސްލައްވާ ޗެކްތަކުގައި ސޮއި ކުރުވައިފީމެވެ. މިއަދު އެންމެންނަށް މުސާރަ ލިބޭނެއެވެ."

"ލައްބައެވެ. އަޅުގަނޑު ސާހަބާ ބައްދަލު ކޮށްލާފައި މިދަނީއެވެ."

"ބައްދަލުކޮށްލާފައި އަންނާށެވެ. ދެމީހުން ކާރުގައި ދާނީއެވެ. އަހަރެންވެސް މެޑަމްއާއި ބައްދަލު ކޮށްލާފައި މިދަނީއެވެ."

"ލައްބައެވެ."

އެސިސްޓަންޓް މެނޭޖަރ ހިނގައްޖެއެވެ. ދެން ނޯކަރ އައިސް ތިރްލޯކް ގޮވައިގެން އެތެރެއަށް ހިނގައްޖެއެވެ. އެތެރެއަށް ވަދެގެން ދިޔައިރު ތިރްލޯކްގެ ހިތް ޑަންޑަން ލާފައި ތެޅެމުން ދިޔައެވެ. އިއްޔެއަށްވުރެ މިއަދު ސާހަބުގެ މޫނުމަތީގައި ކުލަ އައްޔެވެ. އޭނާ ބުންޏެވެ.

"ތިރްލޯކްއެވެ. އަންނާށެވެ......."

"ސާހަބްއެވެ. ދަރިފުޅުގެ ޙާލު ރަނގަޅުކަން އެނގުމުން ވަރަށް އުފާކޮށްފީމެވެ."

"އެއީ ހަމަ ކަލޭމެންގެ ދުޢާއެވެ. އަހަރެން އެކަން ހަނދާން ނައްތައެއް ނުލާނަމެވެ. އަންނަމަހު ކޮންމެ މީހަކަށްވެސް ހަމަސް ދުވަހުގެ ބޯނަސް ދޭނަމެވެ."

"ވަރަށް ހެޔޮފުޅެވެ. އަޅުގަނޑު އައީ ކަމަކު ނަންގަނެލަން ކަމަށެވެ."

"ބުނެބަލާށެވެ."

"ސާހަބްއެވެ. އަޅުގަނޑުގެ އަންހެނުން ވަރަށް ބައްޔެވެ."

"ކިހިނެއްވީ ހެއްޔެވެ؟"

"އޭނާ ..... އޭނާ........"

ތިރްލޯކްގެ ވާހަކަ ފުރިހަމަ ނުވެގެން އުޅެނިކޮށް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. ސޭޓް ސާހަބު ރިސީވަރ ނަގައިފިއެވެ. ފޯނުކުރިމީހާ ފެންނަން ހުރިނަމަ ޖެހި އެތިފަހަރަކުން ބޯފަޅާލަފާނަމޭ ތިރްލޯކްގެ ހިތަށް އެވަގުތު އެރިއެވެ. ސޭޓް ސާހަބު ބުންޏެވެ.

"ހަލޯ......!"

"ސޭޓް ސާހަބްއެވެ. ވާހަކަ ދައްކަނީ ސުދަރްޝަންއެވެ."

"ސުދަރްޝަންއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އިއްޔެ އަހަރެންގެ ޙާލު ވަރަށް ބޮޑެވެ. ރޭގެ ބަންދު ގަޑީގައި ބޭންކް މަނޭޖަރަށް ގޮވައިގެން ބޭންކުން ވިހިލައްކަ ރުފިޔާ ނަގާފައި ސަރޖަންއަށް ރައްދު ކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ."

"މީގައި ޝުކުރުވެރިވާންވީ ކަމެއް އެބައޮތްތޯއެވެ. މިކަހަލަ ވަގުތު ތަކުގައި އެކަކު އަނެކެއްގެ އެހީ ލިބުމަކީ އިންސާނިއްޔަތު ކަމެވެ."

"އެކަމަކު މިހާރުތިޔަގޮތަށް ވިސްނަނީ ކާކު ހެއްޔެވެ. ތިޔަ އިންސާނިއްޔަތުކަން ދެކެނީ ކާކު ހެއްޔެވެ. ހަމަ ދެންމެއަކު އަހަރެންގެ އެސިސްޓަންޓް މެނޭޖަރ އަތަށް ޗެކް ދީފީމެވެ. ހަވީރު ފައިސާކޮޅު ލިބޭނެއެވެ."

"ތިޔަކަން އަވަސް ނުވިއަސް އެންމެ ރަނގަޅެވެ. އަޅުގަނޑު އެންމެ އުފާވަނީ ސޭޓްގެ ދަރިފުޅަށް ލުއިލިބެމުން ދާތީއެވެ."

"އާނއެކެވެ. ދޭއްޖަހާ ކަންހާއިރު ނިއުޔޯކުން ޑަކްޓަރަކުވެސް އަތުވެދާނެއެވެ. އޭރުން ހުރިހާ ބިރެއް ފިލާ ދިޔައީއެވެ."

އިތުރު އެހެން ވާހަކަ ކޮޅަކާއެކު ސޭޓް ސާހަބް އަތްގަނޑު ބާއްވައިފިއެވެ. މިކުޑަ ހިނދުކޮޅު ތިރްލޯކްގެ ކުރިމަތީގައި ވީ އެތައްހާސް އަހަރު ކަމުގައެވެ. ތިރްލޯކް ފެނިފައި ސޭޓް ބުންޏެވެ.

"އާނ ބުނެބަލާށެވެ. ކަލޭ ބުނަން އުޅުނީ ކީކޭ ހެއްޔެވެ؟"

"އަޅުގަނޑުގެ އަންހެނުން ވަރަށް ބައްޔެވެ."

"ހަނދާން ވެއްޖެއެވެ. ކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. ހުރިހާކަމެއް ރަނގަޅުވާނެއެވެ."

"އަޅު .... އަޅުގަނޑު......."

"މުސާރައިގެ އިތުރަށް އެޑްވާންސަށް ލާރިކޮޅެއް ބޭނުންވީ ދޯއެވެ."

"ލައްބައެވެ." ތިރްލޯކް ބުންޏެވެ.

"އަހަރެން އެސިސްޓަންޓް މެނޭޖަރަށް ފޯނުކުރާނަމެވެ. ހަތަރު ސަތޭކައެއްހާ ރުފިޔާ ނަގާށެވެ. އަހަރެން މުސާރައަކުންވެސް ނުކަނޑާނަމެވެ."

"އަޅުގަނޑު ބޭނުންވަނީ ތަންކޮޅެއް ގިނަ ޢަދަދަކަށެވެ."

"ކިހާ ވަރެއް ހެއްޔެވެ. ބުނާށެވެ." ސޭޓް ސާހަބު ބުންޏެވެ.

"ވިހިހާސް ރުފިޔާއެވެ."

"ވިހިހާސް............!" ސޭޓް ސާހަބު ޙައިރާންވެފައި ދެލޯ ބޮޑުކޮށްލިއެވެ.

"އަޅުގަނޑުގެ އަންހެނުންގެ ބައްޔަކީ ކެންސަރެވެ."

ތިޔައީ ކުޑަކުޑަ ބައްޔެކެވެ. ވިހިހާސް ރުފިޔާއަށްޓަކައި ބުނަންވާނީ ތިޔަށްވުރެވެސް ބޮޑު ބައްޔެއްގެ ވާހަކައެވެ.

"ކީކޭތޯއެވެ." ތިރްލޯކްގެ ހިތް ކުއްލިއެއް ޖެހި ކަހަލައެވެ.

"ކަލޭމެން ދަށުދަރަޖައިގެ މީހުން އަބަދުވެސް ދަނޑިވަޅުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރަން ގަސްތުކޮށްގެން ތިބެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އަހަރެންގެ ހާސްކަމާ އަދި ޚައިރާތުގެ ގޮތުގައި ފައިސާ ބަހާތަން ފެނުމުން ކަލޭގެ އަންހެނުންނަށް ކެންސަރ ޖެހުނީއެވެ. ވިހިހާސް ރުފިޔާއަކީ، ހީވާގޮތުން އެއްވެސް އެއްޗެއް ނޫނެވެ. ހަމަ ކުއްލިއަކަށް ވިހިހާސް ރުފިޔާ ބޭނުންވީއެވެ. ޚައިރާތުގެ ގޮތުގައި ފައިސާ ބަހަނީ އޭގެ ޙައްޤު ވެރިންނަށެވެ. އޭގެ ބޭނުން ޖެހިފައިވާ މީހުންނަށެވެ. ކަލޭމެން ކަހަލަ މީހުންނަކަށް ނޫނެވެ. ތިޔަކަހަލަ ކިތަންމެ ބަޔަކު އަހަރެން ދެކެފީމެވެ. އެހެންނޫނަސް ކަލެޔަށް ވިހިހާސް ރުފިޔާ ދިނުމަކުން އެއީ ކުރެވުނު ޚައިރާތެއް ކަމުގައެއް ނުވާނެއެވެ."

ތިރްލޯކްގެ ހިތްބޭރަށް ނުކުންނަން އުޅޭހެން ހީވާން ފަށައިފިއެވެ. އޭނާގެ މޫނުގެ ކުލަވަރު އޮއްސިއްޖެއެވެ. ވަރަށް އުނދަގުލުން ހިންދިރުވާލާފައި ބުންޏެވެ.

"ސާހަބްއެވެ. ޔަޤީންވެ ނުލައްވަންޏާ ފޯނު ކުރައްވައިގެން ސާފު ކުރައްވާށެވެ."

"އާއެކެވެ. އަހަރެން މިދަނީ ތިޔަ ކަމަށްޓަކައެވެ."

"ސާހަބްއެވެ. އަޅުގަނޑު މުސާރައިން......."

"މަހަކު އަށްސަތޭކަ ރުފިޔާ މުސާރައިން ކެނޑިދާނެ ހެއްޔެވެ. ދެން ދިރުހުންނާނީ ކޮން އެއްޗެއް ކައިގެން ހެއްޔެވެ. އޮފީހަށްގޮސް މުސާރަ ނަގާށެވެ. މީގެ ފަހުން މިކަހަލަ ދަނޑިވަޅެއްގައި އަމިއްލަ ފައިދާ ނަގަން މަސައްކަތް ނުކުރާށެވެ."

ސޭޓް ސާހަބް ވާހަކަ ނިންމާލިއެވެ. ހަމަ އެވަގުތު ފޯނުގެ ރަނގަބީލު ވެއްޖެއެވެ. އޭނާ ރިސީވަރ ނަގައިފިއެވެ. ތިރްލޯކް ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ކޮނޑުގައި ރޫޕާގެ ޤަބުރު އޮތް ކަހަލައެވެ. މުޅި ދުނިޔެ އަނދިރި ވެއްޖެއެވެ. ހުރިހާކަމެއް ގޯސް ވެއްޖެއެވެ.

+ + + + +

ކުޑައިރު ކޮޅަކަށްފަހު އޭނާ އެސިސްޓެންޓް މެނޭޖަރ ކިޝޯރުގެ ކާރުގެ ފަހަތު ސީޓްގައި އިށީނުމުން ކިޝޯރު ބުންޏެވެ.

"ފަހަތުގައި ކީއްކުރަން ހެއްޔެވެ. ކުރީ ސީޓަށް އަންނާށެވެ."

ތިރްލޯކް މަޑުމަޑުން އައިސް ކުރީ ސީޓްގައި އިށީނދެއްޖެއެވެ. ކާރު ކުރިއަށް ދުއްވާލަމުން އޭނާއަށް އެ އިނދެވުނީ އެސިސްޓަންޓް މެނޭޖަރާ ހަމަހަމަ ދަރަޖައިގައިކަން އިޙްސާސް ކުރެވުނެވެ. އެކަމަކު މިއީ އޭނާ އަދަބުވެރިވަމުގެ ގޮތުން ކުރިކަމެކެވެ.

"ކިހިނެއްވީ ހެއްޔެވެ. މާބޮޑު ފިކުރެއްގައި އިންހެން ހީވެއެވެ." ކިޝޯރު ބުންޏެވެ.

ތިރްލޯކް ހަމަޖެހިލާފައި ބުންޏެވެ.

"އެއްވެސް ކަމެއް ނުވެއެވެ."

"އިއްޔޭން ފެށިގެން އަހަންނަށް ފެންނަނީ ކަލޭ ތިޔަ ކަހަލަގޮތަކަށް ހުއްޓައެވެ. ސޭޓް ސާހަބާ ބައްދަލުވުމަށްފަހު، ކަލޭގެ ޙާލަތު މާބޮޑުވެއްޖެހެން ހީވެއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ގައިމެވެ."

ތިރްލޯކްގެ ލޮލުގައި ކަރުނަ ފޫދިގަތެވެ. އެހެން ނަމަވެސް އޭނާ ލަސްލަހުން ހުރިހާ ވާހަކައެއް އެސިސްޓަންޓް މެނޭޖަރއަށް ކިޔާދީފިއެވެ. އެންމެފަހުން ސޭޓް ސާހަބްގެ އިދިކީލި ޖަވާބުގެ ވާހަކަވެސް ބުނެފިއެވެ. އެވާހަކަތައް އަޑުއަހާފައި މެނޭޖަރ ވަކި އެއްޗެކޭ ނުބުނެއެވެ. އެހެން ނަމަވެސް އޭނާގެ ނިތްކުރިން ވިސްނުމުގެ އަސަރު ފާޅުވެގެން ދިޔަކަން ހަމަގައިމެވެ.

ކުޑައިރު ކޮޅަކަށްފަހު ކާރުގޮސް އޮފީހުގެ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ. ދެމީހުން ފައިބާފައި ކިޝޯރު ހަމްދަރްދީގެ އަޑަކުން ބުންޏެވެ.

"އުންމީދު ކަނޑާނުލާށެވެ. އަދި ބާކީ ފަސްދުވަސް އެބައޮތެއް ނޫންހެއްޔެވެ. ސޭޓް ސާހަބް ހަމައަކަށް އެޅިލަންދެން ކެތްކޮށްލާށެވެ. އޭގެ ފަހުގައި އަލުން ވާހަކަ ދައްކާނީއެވެ."

ތިރްލޯކް މަޑުމަޑުން އައިސް އޭނާގެ މޭޒު ދޮށުގައި އިށީދެއްޖެއެވެ. ހަމަ ދެންމެއަކު ހޮސްޕިޓަލުން ފޯނެއް އައިކަމާ އެއާއެކު މެނޭޖަރ ހިނގައްޖެ ކަމުގައި ސާލަކްރާމް ބުންޏެވެ. އަދި ތިރްލޯކް ޙާޟިރީގައި ސޮއި ކޮށްލިއެވެ. އެއީ މެނޭޖަރ ޙާޟިރީ ޗެކް ކުރުމުގެ ކުރީންނެވެ.

އޭގެ ކުޑައިރުކޮޅަކަށްފަހު އޮފީހުގެ ފާރަވެރިޔާއާއެކު އެސިސްޓެންޓް މެނޭޖަރ ބޭރަށް ދަނިކޮށް ފެނުނެވެ. އެއިން އެނގޭކަމަކީ އޭނާ އެދަނީ މުސާރަ ޗެކަށް ފައިސާ ނަގަންކަމެވެ. ތިރްލޯކްގެ ޖީބުގައި މިވަގުތު އެކައްޗެއްވެސް ނެތެވެ. އޭނާ މިވަގުތު ވިސްނަމުން ދަނީ މިއަދު މުސާރަ ނުލިބިއްޖިއްޔާ ސާލަކްރާމް އަތުން ކުޑަ ފައިސާކޮޅެއް ދަރަންޏަށް އަތުލުމާ ބެހޭގޮތުންނެވެ.

އަނެއްކޮޅުން އިރުއިރުކޮޅުން ރޫޕާގެ ޚިޔާލުވެސް އާދެއެވެ. އިއްޔެ ޑަކްޓަރާ ބައްދަލުވުމަށްފަހު އޭނާ ރޫޕާއާ ބައްދަލުކުރުމަށް ހޮސްޕިޓަލަކަށް ނުދެއެވެ. އޭނާ ހީކުރާނީ ކީކޭ ހެއްޔެވެ. އޭނާގެ ޙާލު މިހާރު ހުރިގޮތެއްވެސް ނޭނގެއެވެ. ތިރްލޯކް ވިސްނަމުން ދިޔައެވެ. ރޫޕާގެ ކައިރިއަށްގޮސް އަމިއްލަ އިޙްސާސްތައް ފޮރުވޭނީ ކިހިނެއް ހަދައިގެން ބާވައެވެ. އޭނާގެ ޙަޔާތުގައި ދެންއޮތީ ކުޑަކުޑަ ދުވަސްކޮޅެއްކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ.

ކުއްލިއަކަށް އަނެއްކާވެސް ޕްރަބާގެ މަތިން ހަނދާން ވެއްޖެއެވެ. ދެން ހަމަޖެހިލާފައި އިށީނދެއްޖެއެވެ. އޭނާ ވިސްނާލިއެވެ. މިއަދު ޕްރަބާ އެގާރައާ އެގާރަގަޑި ބަޔާމެދު އޭނާއަށް އިންތިޒާރު ކުރާނެ ކަންނޭގެނެވެ. މިއަދު ހަވީރު އޭނާ ޕްރަބާއާ ވާހަކަ ދައްކާނެއެވެ. ރޫޕާ މަރުގެ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި އަމިއްލަ ހަށިގަނޑު ވިއްކާލަން ޖެހުނަސް އޭނާ އެކަން ކުރާނެއެވެ. ރޫޕާ ސަލާމަތް ކުރުމަށްޓަކައި މިނޫން ދެވަނަ ގޮތެއްނެތެވެ. ޕްރަބާގެ ބަސް ޤަބޫލު ކުރަންވީއެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 17 އިން 20 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން