ބައިބަލާ މުބާރާތުގެތެރެއިން
ބައިބަލާ މުބާރާތުގެތެރެއިން
4 ޓީމެއް ޑިސްކޮލިފައިކުރުމަށްފަހު ބައިބަލާ މުބާރާތް ފަށަން ނިންމައިފިއެވެ.


ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު ބައިބަލާ މުބާރާތް މެދުކެނޑުމަށްފަހު، އަލުން މިއަހަރު، 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ބޭއްވުމަށް ސަރުކާރުން ވަނީ ހުއްދަދީފައެވެ. އަދި މި މުބާރާތް އިއުލާންކޮށް، ގުރުއަތު ނަގާފައިވާއިރު، 34 ޓީމުން 1000 އަށްވުރެ ގިނަ ޒުވާނުންމިވަނީ ބައިވެރިވެފައެވެ. އަދި ޓީމުތަކުން ބައިބަލާ ރިންގުއަޅައި، ޕްރެކްޓިސްތަކާއި، ޖާޒީތަށް ޕްރިންޓްކޮށް ގިނަ ހަރަދުތަކެއް މިހާތަނަށް ކުލަބްތަކުން ވަނީ ކޮށްފައެވެ.

ބައިބަލާ މުބާރާތް ފަސްކޮށްފައިވަނީ މާލެތެރޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން އެކަމަށް އެދިފައިވާތީކަމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން މީގެ ކުރިން 34 ޓީމު ބައިވެރިވެފައިވީނަމަވެސް އެކިއެކި ސަބަބުތަކާހެދި މިހާތަނަށް 4 ޓީމެއް މުބާރާތުން ޑިސްކޮލިފައިކޮށްފައިވާ ކަމަށް އެސޯސިއޭޝަނުންވަނީ ބުނެފައެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ހަމައެކަނި ސަޤާފީ ކުޅިވަރަކާއި ގުޅުންހުރި އެސޯސިއޭޝަނަށްވާއިރު، އެކުޅިވަރާއި މުޖުތަމައުގައި ހިނގާ ކުށްތަކާއި ގުޅުމާ ގުޅުވުން، ހިތާމައާއިއެކު ކުށްވެރިކުރާ ކަމަށެވެ.

"މިފަދަ ކުޅިވަރުތަކަކީ މީހުން ބިނާކުރުމާއި، މުޖުތަމައުއަށް ފައިދާހުރި ހަށިހެޔޮ ޒުވާނުން ނެރެދޭނެ ހަރަކާތްތަކަށްވީހިނދު، މިއީ ގިނަ ޒުވާނުންގެ މަސްލަހަތާއި ގުޅުންހުރި ކުޅިވަރެއްކަން ގަބޫލުކުރެވެއެވެ." ބައިބަލާ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި، އިޖުމާއި މިންގަނޑުތަކާއި ހިލާފަށް އަމަލުކުރާ ޓީމުތަކާއި މެދު ހަރުކަށި ފިޔަވަޅުމަށް ނިންމާފައިވާކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މުބާރާތުގެ އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާއި ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިން ކަމަށާއި ފުލުހުން އެދުނުގޮތައް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

"އެހެންކަމުން 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާގޮތައް ކުރިއަށް ގެންދިޔުމަށް މި އެސޯސިއޭޝަނުން ނިންމައި، އެކަންކަން އިންތިޒާމްކުރަން ފަށާފައިވާވާހަކަ ޓީމުތަކާއި، މިކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." ބައިބަލާ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

މިފަހަރު މުބާރާތް ބާއްވާނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް" ނަމުގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ.

ކިޔުންތެރިންގެ ހިޔާލު