ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ސަރުކާރުން ނިންމައި، އެކަމާއި ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.

އެންވަޔރަމަންޓް މިނިސްޓްރީން މިހާރު ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި އާއްމުންގެ ޚިޔާލު ހޯދުމުގެ ސާވޭއެއް ފަށާފައެވެ.

މި ސަރވޭގައި އައްޑޫ ސިޓީގައި މަހެއްގެ މައްޗަށް އުފެދޭ ނުރައްކާތެރި ކުނީގެ އަދަދާއި ނުރައްކާތެރި ކުނީގެ ގޮތުގައި އުފެދޭ ކުނީގެ ބާވަތްތަކާއި އުފެދޭ ނުރައްކާތެރި ކުންޏާއި މެދު މިހާރު އަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގޭބިސީ ފެންވަރުގައި ކުނި ވަކިކުރުމަށް ކުރާ މަސައްކަތްތަކާއި ވަކިކުރުމަށްފަހު ގުދަންކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތުތަކާއި ކުނި މެނޭޖް ކުރާ މަރުކަޒާ ހަމަޔަށް ކުނި ގެންދާނެ ގޮތުގެ ޚިޔާލުތައްވެސް މި ސަރވޭގައި ހޯދުމަށް ވަނީ ހަމަޖެހިފައެވެ.



މި ސާވޭގެ ތެރެއިން ނުރައްކާތެރި ކުނިއުކުމަށް ފީއެއް ނެގުމާއި މެދު ދެކޭ ގޮތާއި ކުނި މެނޭޖްކުރުމަށް ގާއިމްކުރެވޭ މަރުކަޒު އެޅުމަށް ކަނޑައެޅިފައިވާ ސަރައްދާއި މެދު ރައްޔިތުން ދެކޭގޮތްވެސް ހޯދާނެއެވެ.

ނުރައްކާތެރި ކުނި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް އެޅުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓަލޭޝަން މަސައްކަތް ވަނީ ފަށާފައެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން