ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ބޭރުގައުމުތަކުން މަޖުބޫރު ކުރާތަން ފެނިގެންދާނެ ކަމަަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިހެން ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ޕީޕިއެމް އޮފީސް ދޮރުމަތީގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެެވެ. އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް ސާލިޙު ގަރާރެއް ނެރުއްވި ފަހުން ބޭއްވި ފުރަތަމަ އެއްވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންދޭން ބޭރުގައުމުތަކުން ރާއްޖެއަށް މަޖުބޫރު ކުރާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.


އަދި ގާނޫނު އަސާސީއާއި ޚިލާފަށް ގަރާރުތައް ނެރެ އެކިއެކި މުއާހަދާތަކަށް ރިފަރެންސް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބައިނަލްއަގުއާމީ ފަރާތްތަކާއި، ގައުމުތަކުން ސަރުކާރު ގާތުގައި ބުނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭނަމަ އެކަމާ ދެކޮޅަށް އަޑުއުފުލޭނެ ކަމަށެވެ. އެގޮތުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭނަމަ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އާންމު މެމްބަރަކު ވެސް މަޖިލީހުގެ މެމްބަރަކު ވެސް އަދި ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު، މިމައުޝޫގައި މިކަމުގައި ފަހަތަށް ޖެހެން ނެތް ވާހަކަ ރައީސް ސޯލިހަށް ދަންނަވަން." ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އިންޑިޔާ އައުޓް ހަރަކާތުގައި ވަނީ އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން މިއަދު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެހަރަކާތާއި ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތަކަނޭ ދޫކޮށްލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު