މިއަދަކީ ރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހެވެ. މި މިނިވަންކަން ދިވެހިންނަށް ލިބުނީ ޤައުމުދެކެ އިންތިހާއަށް ލޯބިވީ ތެދުވެރި އެތައް ދިވެހި ދަރިންތަކެއްގެ ހިކުމަތްތެރި އަދި އެހާމެ ބުރަ މަސައްކަތުންނެވެ. ދިވެހިން މިހާރު މިދެކޭ މިނިވަންކަމުގެ ބާނީއަކީ އަލްމަރުހޫމް އިބްރާހިމް ނާސިރެވެ. ގައުމުގެ މިނިވަންކަމަށް 57 އަހަރު ފުރިފައިވާއިރު މިނިވަންކަމުގެ ބަޠަލު ދިވެހި ޤައުމުދޫކުރަށްވައި އަމިއްލައަށް އަރުވާލެވުނީ ކީއްވެކަމާމެދު ސުވާލުއުފެދެއެވެ. އަދި މިއީ ކަނޑައެޅިގެން ވަކި ޖަވާބެއް ލިބިފައިވާ ސުވާލެއް ނޫނެވެ.

މިދެންނެވި މިނިވަން ކަމުގެ ބަޠަލު، އަލްމަރުހޫމް އިބްރާހިމް ނާސިރު ރާއްޖޭގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 12 ޑިސެމްބަރު 1957 ގައެވެ. އޭރު އުމުރުފުޅުން 31 އަހަރެވެ. އެމަނިކުފާނުގެ ޒުވާން ހަށިކޮޅުގައި އުފެދިފައިވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ޖޯޝާއި ފޯރިއެވެ. ނާސިރަކީ ރާއްޖޭގެ ބޮޑުވަޒީރުކަމުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ބޮޑުވަޒީރު ކަމުގައި 10 އަހަރު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި 10 އަހަރު ނާސިރު ދިވެހި ޤައުމަށް ޚިދުމަތްކުރެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1953 ގައި އުވުމާއިއެކު ރަސްކަމެއްގެ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރަމުން އައިސް ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާ ގާނޫނު އަސާސީއެއް ހައްދަވާ ތަސްދީގުކުރެއްވުމަށްފަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާސިރު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިބްރާހިމް ނާސިރު ހުވާކުރެއްވީ 11 ނޮވެމްބަރު 1968 ގައެވެ.

އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ދިވެހި ގައުމަށް ކޮށްދެއްވި އެންމެ އަގުހުރި ގައުމީ ހިދުމަތަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމެވެ. މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

އަށާރަ ސަތޭކަ އަށްޑިހަ ހަތް ވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔަ އެވެ.

އޭގެ ފަހުން ބޮޑުވަޒީރު ނާސިރުގެ ހިކުމަތްތެރި މަސައްކަތްޕުޅުގެ ސަބަބުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންދިޔައީ 26 ޖުލައި 1965 ގައެވެ. ރާއްޖެއަށް މިނިވަންކަން ލިބުމުގެ ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ ސައްބީސްވީ ދުވަހު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. މިއީ ދިވެހިން އެމަނިކުފާނަށް ތާއަބަދަށް ޝުކުރުވެރިވާނެ ޤައުމީ ހިދުމަތެކެވެ.



ރިޔާސީ ދެ ދައުރު ވެރިކަން ކުރެއްވުމަށްފަހު 1978 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރަށްވަން ނާސިރު ނިންމެވިއެވެ. އެއަށްފަހު 7 ޑިސެމްބަރު 1978 ގައި ނާސިރު ވަނީ އެމަނިކުފާނުގެ އާއިލާއާއެކު ރާއްޖެ ދޫކުރަށްވައި ސިންގަޕޫރަށް ދިރިިއުޅުއްވުން ބަދަލުކުރައްވާފައެވެ. ނާސިރުގެ ފަހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މައުމޫންގެ ސަރުކާރުން ނާސިރަކީ ދިވެހި ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވި ހިޔާނާތްތެރިއެއްކަމަށް ކަނޑައެޅުއްވިއެވެ. މައުމޫންގެ ވެރިކަމުގައި ނާސިރަކީ ކުށްވެރިއެއްގެ ގޮތުގައި ހަދައި އެމަނިކުފާނުގެ ޣައިރު ހާޒިރުގައި އެމަނިކުފާނަށް އަދަބު ކަނޑައަޅައި ހަވަރަށްދީ ވެސް ހެއްދެވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މިނިވަންކަމުގެ ބަޠަލް ރައީސް ނާސިރާ ދެކޮޅަށް ވެރިރަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފައިވެ އެވެ. ނާސިރުގެ މައްސަލަތަކެއް ތަޙުޤީޤު ކުރުމަށްފަހު އެމަނިކުފާނުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ޣައިރު ހާޒިރުގައި 25 އަހަރަށް އަރުވާލުމަށް ހުކުމްކުރި އެވެ. އެއީ 30 ޖެނުއަރީ 1986 ވަަނަ އަހަރެވެ. އަދި ނާސިރުގެ މުދަލާއި ބިންތައް ވެސް ދައުލަތަށް ނެގިއެވެ.

ދިވެހިޤައުމުގެ މިނިވަންކަމުގެ ބަތަލް ނާސިރަށް މިފަދަ ބޮޑު އަނިޔާއެއް ދިނުމަށްފަހު އެމަނިކުފާނުގެ ހެޔޮ ޙަޔާތްޕުޅުގައި ޤައުމަށް އެނބުރި ވަޑައިގަތުމުގެ ފުރުސަތު ރައީސް މައުމޫންގެ ވެރިކަމުގައި ދީފައެއްނުވެއެވެ. އެމަނިކުފާނު އަވަހާރަވުމާއި ހަމައަށްވެސް ހުންނެވީ ސިންގަޕޫރުގަ އެވެ. އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ސިންގަޕޫރުގައި އުޅުއްވާތާ 30 އަހަރު ފަހުންނެވެ.

ރައީސް ނާސިރުގެ ވެރިކަމުގައި ގޯސްކޮށް ކަންތައްތަކެއް ހިނގިއެވެ. ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބުނެވެ. ޚިޔާނާތްތަކެއް ވެސް ނުހިނގައެކޭ ނުދަންނަވަމެވެ. ނާސިރުގެ ފަހުން މިހިގާދިޔަ ހުރިހާ ވެރިކަންތަކެއްގައި ވެސް އަނިޔާއާއި ޚިޔާނާތާއި ގޯސް ކަންކަން ހިނގާފައި އެބަހުއްޓެވެ. ތަފާތަކީ ޒަމާނާއި ހާލަތަށް އައި ބަދަލާއެކު އެކަންކަމަށް ވެސް ބަދަލު އައުމެވެ.

ރައީސް މައުމޫނުގެ ދައުރުގައި ރައީސް ނާޞިރަށް އިއްވި ހުކުމަށް މަޢާފް ދެއްވިއެވެ. އަދި މިނިވަން ކަމުގެ ބަޠަލުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވި ކަމަށް ވެސް ވެއެވެ. ނަމަވެސް މަރުޙޫމް ނާޞިރު ރާއްޖެ ދޫކުރަށްވައި އަމިއްލަފުޅަށް ސިންގަޕޫރަށް އަރުވާލެއްވިގެން ދިރިއުޅުއްވާން ފެއްޓެވި ފަހުން އެމަނިކުފާނުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅުންނާއި ނޫނީ ބައްދަލުވާ ކަމަކަށް ވެސް ނުވެއެވެ.

ނަމަވެސް މިހާ ގިނަ ދުވަސް ތަކެއް ވަންދެން ބޭރު ގައުމެއްގައި ދިރިއުޅުއްވުމަށް ކޮންމެވެސް މަސައްކަތްތަކެއް ވެސް ކުރަށްވާނެ ކަމަށް ބެލެވެއެވެ. ނާސިރުގެ އެފަދަ އެއްވެސް މައުލޫމާތެއް ދިވެހީންގެ މެދުގައި އާންމުކޮށް ދެކެވި ލިޔެ ހަދާފައެއް ވެސް ނުވެއެވެ.

މިއަދު ސިޔާސީ ނަޒަރިއްޔާތުން ވިސްނާލުމުން އެނގޭ އެއްކަމަކީ ނާސިރު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވި ނަމަވެސް ރާއްޖެ ދޫކުރަށްވައި ވަޑައިގެންނެވީ އެމަނިކުފާނު ރާއްޖޭގައި ހުންނެވިނަމަ ރައީސް މައުމޫންގެ ދައުރުގައި އެހިނގާދިޔަ ކަންކަމާއި ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެކަން މާކުރިން ވިސްނިވަޑައިގަންނަވާތީއެވެ. ނަމަވެސް ވެރިކަމުގެ ދެވަނަ ދައުރު ނިންމަވާލެއްވުމަށްފަހު އަލުން ރާއްޖޭގެ ވެރިކަމަށް ވާދަ ނުކުރަށްވައި ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެދުވަސްވަރު ނާސިރަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ވެރިކަމުގެ ބާރުތަކުން އެމަނިކުފާނަށް އެއްބާރުލުން ދިނުމުންކަމުގައި ގަބޫލުކުރަން ޖެހެއެވެ. މިކަން ހިނގާ ދިޔަގޮތް އެދުވަސްވަރު ދެނެވަޑައިގަންނަވާ ކަމަށް ބުނާ އެކި ބޭފުޅުން އެކި ގޮތަށް އެހާދިސާ ލިއުއްވާފައި ހުރި ނަމަވެސް އެއީ އަދި މުޅިން ސައްތައިން ސައްތަ ހަގީގަތް ކަމަށް ބެލެވޭކަށް ނެތެވެ.

ރައީސް ނާސިރު އަވަހާރަވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ޒައާމަތުގައި ރައީސް ނާސިރުގެ ހަށިކޮޅު މާލެ ގެންނަވާ ރަސްމީ އިއްޒަތުގައި އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ގެންދަވާ ހުކުރު މިސްކިތުގައި ފަސްދާނުލެވުނީ 24 ނޮވެމްބަރު 2008 ގައެވެ.

ދިވެހިންގެ މިނިވަންކަމުގެ ބަޠަލަށް ދިވެހިޤައުމުން ޙައްޤުވީ މިންވަރަކީ ހަމައެކަނި ހުކުރުމިސްކިތުގެ މަޤުބަރާއިން ލިބުނުޖާގައެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ރައީސް ނާސިރު ޤައުމުދޫކުރަށްވާ ވަޑައިގަންނަވަންޖެހިވަޑައިގެންނެވި ސަބަބު އަދިވެސް އޮތީ ތާރީޚީ ކިލަނބުކަމުގެތެރޭގައި ފޮރުވިފައެވެ. ނަމަވެސް އޭގެ ފަހުން ނިއުޅިގެންދިޔަ ކިތަންމެ ޞަފުޙާއެއް ބުނެދޭ ޙަޤީޤަތަކީ ދިވެހިޤައުމަށް ކިތަންމެބޮޑު ޚިދުމަތެއް ކޮށްދެއްވި ނަމަވެސް ރާއްޖޭގައި ވެރިކަން ކުރަށްވައިފިނަމަ ވެރިކަމަށްފަހު މަރުހަބާ ކިޔާނީ ޝަރުޢީ ކޯޓުތަކާއި ޖަލުގެ ގޮޅިތައް ކަމެވެ. ރާއްޖޭގައި ވެރިކަން ކުރަށްވާ ކޮންމެ ބޭފުޅަކު ވެރިކަމަށްފަހު ޝަރުޢޯ ކޯޓުތަކުގެ ކޮށިގަނޑުތަކާއި ޖަލުގެ ގޮޅިތަކުން މަރުހަބާ ކިޔުމަކީ ސަގާފަތަކަށް ވާނަމަ އެއީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ވެސް ނުވަތަ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ރަނގަޅުކޮށް އިސްލާހު ކުރަން ޖެހޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން