އުގައިލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން.
އުގައިލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން.
ޒަމާނުއްސުރެ ދިވެހިން ފަޚުރުވެރިވާ, ދިވެހިންގެ މައިގަނޑު އެއް ތަރިކަކަމަށްވާ ދިވެހި ބަހާމެދު ފަރުވާކުޑަކުރެވިފައިވާ ކަމީ ގިނަ ބަޔަކު ޤަބޫލުކުރާނެކަމެކެވެ. ސާފު ދިވެހި ބަހުން ވާހަކަދައްކައި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި ދިވެހި ބަސް ބޭނުންކުރުން މަދުވެފައިވާއިރު, ދިވެހި ބަހުގެ އަދަބިއްޔާތު ދަންނަ މީހުންވެސް މިހާރު ވަނީ މަދުވެފައެވެ. ވަކީން ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި ދިވެހި ބަސް ބޭނުންކުރުން މިވަނީ ހައިރާންވާވަރަށް މަދުވެފައެވެ. ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ، ދިވެހި ބަހުން ލިޔެލަން ނޭނގޭ ދިވެހި ދަރިންވެސް މިހާރު މަދެއް ނޫނެވެ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބަހާމެދު ފަރުވާކުޑަ ކުރެވިފައިވާކަމެވެ. ބަސްދެކެ ލޯބިވާ ދަރިންތަކެއް ބިނާކުރުމަށް ދިވެހި މައިންބަފައިންނާ މުދައްރިސުން ނުކުޅެދިފައިވާކަމެވެ.

މިފަދަ ދަނޑިވަޅެއްގައި، ހާލަތުގެ ނާޒުކުކަން ދެނެގަނެ، މިމައްސަލައަށް ކުޑަ ނަމަވެސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފެށުމަށް ޕްރޮފެސަރ ހަސަން އުގެއިލް ވަނީ ނިންމަވާފައެވެ. ޕްރޮފެސަރ އުގެއިލް ދެކިވަޑައިގަންނަވާ ގޮތުގައި ކުދިން ގަޔާވާފަދަ ގޮތަކަށް އެކުދިންނަށް ދިވެހި ބަސް ކިޔަވައި ދެވިއްޖެނަމަ އިނގިރޭސި ބަހާއި އެހެން ބަސްބަހަށް ކުދިން ޝައުގުވެރިވާ ފަދައިން ދިވެހި ބަހަށްވެސް ކުދިންގެ ލޯބި ލިބޭނެއެވެ.

މިގޮތުން، އުގެއިލް ފައުންޑޭޝަންގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ބަސް ދަސްކޮށްދިނުމުގެ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. "ދިވެހި ދަސްކުރަމާ" ގެ ނަމުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ކޯހަކީ 7 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދާނެ ކޯހެއްކަމަށް އުގެއިލް ފައުންޑޭޝަނުން ހާމަކޮށްފައިވެ އެވެ.

ޕްރޮފެސަރ އުގެއިލް ވިދާޅުވާގޮތުގައި "މިއީ އަޅުގަނޑުމެންގެ ކުޑަ ކުދިން ދިވެހި ބަހަށް އަހުލުވެރިކުރުވައި, ބަހަށް ލޯބި ޖެއްސުމުގެ މަގުޞަދުގައި ކުރިޔަށްގެންދާ ކޯހެ" ކެވެ.

މިކޯހަކީ ދިވެހި ބަހަށް ދަރިވަރުންދޭ ސަމާލުކަން އިތުރުކޮށް ބަހާމެދު ފަޚުރުވެރިވާފަދަ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކޯހުގައި ދަރިވަރުންނަށް އަޑުއެހުމާއި ވާހަކަދެއްކުން، ކިޔުމާއި ބެލުން، އަދި ބައްޓަންކުރުމާއި ލިޔުންތެރިކަން ފަދަ މުހިންމު އުކުޅުތައް ދަސްކޮށްދެވޭނެކަމަށް އުގެއިލް ފައުންޑޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ ތެރެއިން އުމުރާއި ގުޅޭ ތަކެތި ކިޔުމާއި ބަލައި، އެ ތަކެތި ދޭހަވާކަން ދައްކައިދިނުމާއި، ކިޔުމާއި ބެލުމުގެ ހުނަރާއި އުސޫލުތައް ބޭނުންކުރުމާއި، ބަހުގެ ޤަވާއިދުގެ ތެރެއިން ތާނައިގެ އަކުރުތަކާއި ފިލިތައް ދެނެގަނެ، ތިމާގެ އަމިއްލަ ތަޖުރިބާއާއި ޚިޔާލާއި އިހުސާސްތައް ހިމެނޭ ލިޔުންތައް ލިޔުމާއި، ލިޔުމާއި ކުރެހުމުން ޚިޔާލު ފާޅުކުރުމަށް ބާރުއެޅުމުގެ އިތުރުން އަކުރާއި ފިލި ލިޔަންވާ ބައްޓަމާއި ހަމަތަކާއި އުސޫލުތައް ދަސްކޮށްދިނުން ހިމެނެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 އޮކްޓޯބަރު 2022 އިން މާރޗް 2023 އަށް, އޮންލައިންކޮށް, 6 މަހުގެ މުއްދަތަށެވެ. ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރިކަމުގެ ސަނަދު ހަވާލުކުރެވޭނެކަމަށް އުގެއިލް ފައުންޑޭޝަނުން ހާމަކޮށްފައިވެ އެވެ. ކޯހުގައި ބައިވެރިވެ ލެއްވުމަށް އޮންލައިން ފޯމް thecircle.ac/Dhivehi2022 ފުރުއްވަންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަމް

25-Feb-2023

ވަރަށް ރަގަޅު ކަމެެއް ތީ



ޓްރެންޑިން