ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މީހާ ދެމަހަށް ޖަލަށްލާން ޙުކުމް ކޮށްފިއެވެ.

ފަހަކަށް އައިސް މި ސަރުކާރަށް ނިސްބަތްވާ އިސްވެރިންގެ ގެކޮޅުތަކުގެ ފާރުގައި އިންޑިއާ އައުޓް ލިޔުންވަނީ ޢާއްމު ކަމަކަށް ވެފައެވެ. ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި ވަނީ މިއަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހުގެ ދަންވަރުއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށް، 1 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށެވެ. އޭނާ ވަނީ އިބްތިދާއީ މަރުޙަލާގައި ކުށަށް އިއުތިރާފުވެފައެވެ. ކުށުގެ އަސާސީ އަދަބު ކަމަށްވާ 2 މަހާއި 12 ދުވަހުގެ ޖަލުޙުކުމް އެއްދަރަޖަ ލުއިވެފައިވަނީ އޭނާ ކުށަށް އިޢުތިރާފްވުމުންނެވެ.

ދަޢުލަތުން ޔަޝްފައުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން "އިންޑިއާ އައުޓް" ސްޕްރޭކޮށް އެފާރަށް އޭނާ ގެއްލުން ދީފައިވާތީއެވެ. އޭނާގެ މައްޗަށް ދަޢުލަތުން އުފުލީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ޙަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާމެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ޤަރާރުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު