ވަށާޖެހޭ ތައުލީމުގެ މަފުހޫމު ރާއްޖޭގެ 46 ސުކޫލެއްގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުﷲ، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ޢާއިޝަތު އަލީ ވިދާޅުވީ މިހާރު ސަަރުކާރުން ރާއްޖޭގެ 157 ސުކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާރު ވަށާޖެހޭ ތައުލީމުގެ މަފުހޫމު 46 ސުކޫލެއްގައި ތަންފީޒުކުރަން ފެށިފައިވާކަމަށްވެސް ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސްކޫލުތަކުގައި ވަށާޖެހޭ ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ދާނީ ހެނދުނު 6:00 ހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ކަސްރަތުގެ ހަރަކާތަކާއި، ހެނދުނުގެ ނާސްތާއަށްފަހު ދަރިވަރުންގެ ކިޔެވުން ސްކޫލު މާޙައުލުގައި ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަރިވަރުންގެ ކިޔެވުން ނިމުމުން ކޮންމެ ދުވަހަކުވެސް އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ޕްރޮގުރާމްތަކާއި ކުލަބު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަފުޙޫމަށް ބަދަލުކުރާ ސްކޫލުތަކުގެ ދަރިވަރުން ރަސްމީ ވަގުތު ނިމުމުން ސްކޫލަށް އިތުރަށް ޙާޟިރުވާން ނުޖެހޭނެ ކަމަށާއި، ހަފުތާ ބަންދުގައިވެސް ސްކޫލަށް ޙާޟިރުވާން ނުޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ވަށާޖެހޭ ތައުލީމުގެ މަފުހޫމު ކުރިއަށް ގެންދިއުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންނަށް އޯޓީ ދޭންޖެހުން ކަމަށާއި، ނަމަވެސް އޯޓީ ދިނުމަކީ މިވަގުތު ކޭޓާ ކުރެވޭނެ ނިޒާމެއް ނޫން ކަމަށެވެ. އަދި އެކަމަށް ޙައްލު ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން