ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން
މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނު ލިބުނު 514 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ލޯނު ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޯލިޝަން ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންނަށްވެސް މަތީ ތަޢުލީމުގެ ލޯނު ދިނުމަށް ހަމަޖައްސާފައެވެ. ކޯވިޑް-19 އާ ގުޅިގެން ގައުމުގެ މާލިއްޔަތަށް ވަރަށް ބޮޑު އަސަރެއް ކޮށްފައި ވީނަމަވެސް ތައުލީމީ ދާއިރާއިން ދަރިވަރުންނަށް ކިޔަވަން ހުރި ދޮރުތައް ބަންދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ފެށި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގައި މިހާރު ވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ހިލޭ ކިޔަވަމުންނެވެ.

ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދީފައިވާކަން ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތަޢުލީމުގެ ލޯން ދިނުމުގައި ބަލާފައި ވަނީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވިފައިވާ ގައުމީ ޓްރެއިނިންގް ނީޑްސް އެނަލިސިސްގެ މައްޗަށް ކަމަށެވެ. އަދި އެ ލިސްޓަކީ ދިވެހިރާއްޖެއަށް މީހުން ބިނާ ކުރަން ބޭނުންވާ ދާއިރާތައް ކަނޑައަޅާ ފާހަގަކުރުމަށް ފުރިހަމަ ކުރެވިފައިވާ ލިސްޓެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ މިއަހަރު ހުޅުވާލި ފުރުޞަތުގައި 1000 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދިފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތުހަމަވާ 514 ދަރިވަރަކަށް ލޯނު ދީފައިވާ ކަމަށެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ލޯނު ދޫކުރި ދަރިވަރުންގެ ތެރޭގައި، ލައިސަންސް ހޯދަންޖެހޭ ދާއިރާތަކުން ކިޔެވުމަށް ލޯނު ދޫކުރި 15 ދަރިވަރަކާއި ޑިޕްލޮމާ ފެންވަރަށް ކިޔަވާ 48 ދަރިވަރަކާއި، ފުރަތަމަ ޑިގްރީއަށް ކިޔަވާ 264 ދަރިވަރެއްވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ލޯނު ދޫކޮށްފައިވާ ދަރިވަރުންގެ ތެރޭގައި، މާސްޓާސް ޑިގްރީއަށް ކިޔަވާ 160 ދަރިވަރަކާއި ޕީއެޗްޑީއަށް ކިޔަވާ 27 ދަރިވަރަކުވެސް ހިމެނެއެވެ.

މީގެ އިތުރުން މިއަހަރުގެ ލޯނު ސްކީމުގެ ތެރެއިންވެސް ޚާއްސަ ދާއިރާތަކަކުން ސްލޮޓުތައް ހަމަޖައްސާފައިވާއިރު އޭގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ޓްރެއިނިންގ ނީޑް އެނާލިސިސްގެ ހޯދުންތަކާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ރިޢާޔަތްކުރުމަށްފަހު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ބޭސްވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސްލޮޓްތައް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ލޯނު ދިން ގޮތުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެމްބީބީއެސް ކިޔެވުމަށް 15 ކުދިންނަށް ލޯނު ދީފައިވާ ކަމަށާއި، ޕޯސްޓް ގުރެޖުއޭޓް އިން މެޑިސިން ކިޔެވުމަށް 22 ކުދިނަށް ލޯނު ދީފައިވާ ކަމަށެވެ.

ހަމައެއާއެކު ޕީއެޗްޑީ ކެޓަގަރީން 21 ދަރިވަރުންނަށް ލޯނު ދީފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ ކުރިން ލޯނު ދެމުން އަންނަ ބައިނަލްއަގުވާމީ ލައިސެންސް ކެޓަގަރީއަށް ކުރިން ލޯނު ނަގަނީ ހަމައެކަނި ޕައިލެޓު ކަމުގެ ދާއިރާއިން ނަމަވެސް މިފަހަރު ތަފާތު ދާއިރާތަކުން ލައިސަންސް ހޯދުމަށް ލޯނު ނަގާފައިވާކަމަށެވެ. އެގޮތުން އެއަރޓްރެފިކް ކޮންޓްރޯލިން އާއި މެރިން އަދި އެއަރކްރާފްޓް އިންޖިނިއަރިންގެ ލައިސަންސް ހޯދުމަށްވެސް ހުށައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބީ ދާއިރާތަކަށް ހުޅުވާލި ފުރުޞަތުގައި 46 ދަރިވަރަކު ކުރިމަތިލީ ނަމަވެސް ލޯނު ދީފައިވަނީ ޝަރުތު ހަމަވި 10 ދަރިވަރަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ތަޢުލީމަށް ލޯނު ދިނުމުގައި މާލީގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް މިފަހަރު ދީފައިވާކަމަށް ފާހަގަ ކުރަށްވައި މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކިޔެވުން ފުރިހަމަ ނުކުރާ ދަރިވަރުންނަށްވެސް ލޯނު ދޫކޮށްފައިވާ ކަމަށެވެ. ޖުމްލަކޮށް މިއަހަރު ލޯނަށް އެދި ހުށައެޅި އެޕްލިކޭޝަންގެ ފެންވަރު ރަނގަޅު ކަމަށާއި، ލޯނު ލިބިފައި ތިބި ދަރިވަރުންނަށް ލޯނުގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ދަތިތައް ދިމާވި ނަމަވެސް ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށައި، އެގޮތުން ސްޓޫޑަންޓް ލޯނު ދިނުމާއި ހަޔަރ އެޗީވަރސް ސްކޮލަރޝިޕާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްތައް ވެސް ހުއްޓުމެއް ނެތި މިހާލަތުގައި ވެސް ދެމުން ގެންދަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން