ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޗާގޯސްއާއި ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ އިސްތިއުނާފު ކުރުމަށް އެޕާޓީން މިއަދު ނިންމައިފިއެވެ.

ޗާގޯސް މައްސަލައިގައި މިއަދު ޖުމުހޫރީ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްެރާހިމް ވިދާޅުވީ ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެގޮތަށް ނުނިމޭނެ ސަބަބެއް ނެތް ކަމަށެވެ.



ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މައްސަލަ އިޓްލޮސްގައި ހިނގަމުންދަނިކޮށް ޗާގޯސްއަށް މޮރިޝަޝްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުގެ ފަރާތުން މޮރިޝަޝްއަށް ސިޓީ ފޮނުވަން ޖެހޭ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަ އަޅުގަނޑުމެން ހުށައަޅާފައިވާ މައްސަލަ ނިމޭއިރު ކޮންޓިނެންޓަލް ޝެލްފްގެ ދަށުގައިވާ ހުރިހާ ތަނަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށް ނިންމައިފިއްޔާ ކިހިނެތްތޯ ވާނީ. އުސޫލެއްގެ ގޮތުން ނިންމަންޏާއި ބޮޑެތި ގައުމުތަކުން އެ ހުށައަޅާފައިވާ ހުށައެޅުންތައް ނިމިގެންދިޔައިރު އެގޮތަށް ގޮސްފައި އޮތް ކަމަށް ވަންޏާ މިކަންތައް ކިހިނެއްތޯ މިހެން ނުނިމޭންވީ.." ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވިއެވެެ.



މީގެ އިތުރުން ގާސިމް ވިދާޅުވީކުރިން ވެސް އެ މައްސަލާގައި އެ ޕާޓީގެ ލީޑަރުގެ ހައިސިއްތުން ގެންގުޅުއްވާ ސްޓޭންޑް އެމަނިކުފާނު ހާމަކޮށްފައިވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެ މައްސަލަ އަނެއްކާ ވެސް އެޖެންޑާ ކުރީ، ކުރިން އެކަމުގައި ގޮތެއް ނިންމާފައި ނުވާތީ ނޫން ކަމަށާއި އެމައްސަލަ އެޖެންޑާކުރީ މިހާރު ސިޔާސީ މަސްރަހު އޮތް ގޮތުން އެކަމުގައި އަލުން ޕާޓީން ގޮތެއް ނިންމުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ ޗާގޮސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައި ވަނީ، ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެއީ އެމައްސަލައިގައި ކޯލިޝަން ލީޑަރުންނާއި އެމަނިކުފާނު މަޝްވަރާ ނުކުރަށްވާތީ ކަމަށް ގާސިމް ވިދާޅުވިއެެވެ.

ޖުމުހޫރީ ޕާޓީގެ ކައުންސިލަށް ޗާގޯސް މައްސަލައިގައި މިއަދު ވަނީ ގަރާރެއް ހުށައަޅާފައެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ޗާގޮސްއާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން މިދިޔަ އެޕްރީމް މަހުގެ 28ގައި ނިންމި ނިންމުމުގެ ސަބަބުން ގާނޫނުގެ ދަށުން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރު ގެއްލިފައިވާ ކަމަށެވެ.

އިޓްލޮސްގެ ނިންމުމުގައި ރައީސުލްޖުމްހުރިއްޔާ މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކޮށްފައިވާކަން ސާފުކޮށް ބަޔާންވެފައިވާތީ ރައީސްގެ މި އަމަލަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ހިލާފަށް ކުރެއްވި އަމަލަކަށްވާތީ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީން މިމައްސަލަ ބެއްލެވުމަށް ގަރާރުގައިވަނީ ގޮވާލާފައެވެ. މީގެ އިތުރުން ރައީސް ސާލިހް، މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް ގަރާރުގައި ގޮވާލައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މައްސަލަ އިސްތިއުނާފު ކުރާނެކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރު ޖުމުހޫރީ ޕާޓީގެ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން