ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް ދެއްވާނޭކަމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު މިނިސްްޓަރ އައިޝަތު ނަހުލާ "ފުރަވީރުން" ނަމުގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ހަރަކާތުގެ ތެރެއިން ޒުވާނުންނާއި މުހާތަބް ކުރައްވާ ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް އެތައް ކަމެެއް މިއަދު ބޭނުންވާކަމަށެވެ. އަދި އެކަންކަން ފުރިހަމަކޮށްދީ، ޒުވާނުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ބޭފުޅަކީ އެމަނިކުފާނުކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން އެ ހުންނެވީ ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް (ރިޔާސީ އިންތިހާބު) ކާމިޔާބު ކުރައްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ހާސް ކަނޑާލާށޭ. ހަމަޖެހިގެން ދާނެއޭ. އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަން." ގާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީން ދަނީ ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން ޕާޓީއަށް އެތައް ހާސް ބަޔަކު މިހާރު ވަނީ ގުޅިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން