ގުޅި ފަޅު ޕްރޮޖެކްޓް
ގުޅި ފަޅު ޕްރޮޖެކްޓް
ގުޅީފަޅު ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ފަހު ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގުޅީފަޅު ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ފަހު ގެއްލުން ލިބުނު 140 ފަރާތެއް ތިބި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެ 140 ފަރާތަށް ބަދަލު ދިނުމުގެ ގޮތުން ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އެފަރާތްތަކާ އެކީ ސަރުކާރުން އެއްބަސްވުންތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

ހައުސިން ޔުނިޓް ނުލިބުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދަށް ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން އަހަަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކަށް 12000 ރުފިޔާ ގެ މަގުން ކޮމްޕެންސޭޝަނެއް ދިނުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ހައުސިން ޔުނިޓް ބޭނުން ނުވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ހައުސިން ޔުނިޓެއް ބޭނުންވާ ފަރާތްތަކަށް 3 ކޮޓަރީގެ ހައުސިން ޔުނިޓެއް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށާއި، މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 2 ކޮޓަރީގެ ތަން ބޭނުންނުވާ ނުވަތަ 3 ކޮޓަރީގެ ތަން ބޭނުންވާ ފަރާތްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި އިތުރު ފައިސާއެއް ނުދެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން 3 ކޮޓަރީގެ ތަނެއް ގަތުމަށް ސަރުކާރުން ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ހިނގާ މަސްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި މަހަކު 12،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ގުޅީފަޅުން ހައުސިންގ ޔުނިޓެއް ގަތުމަށް ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ހައުސިން ޔުނިޓެއް ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހައުސިން ޔުނިޓެއް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އަދި އެ ހައުސިން ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގުޅީފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓެއް ހަމަޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު ހައުސިން ޔުނިޓް ގަތުމަށް ދެއްކި ފައިސާއިން ގެއްލުންވުމުން ބަދަލުގެ ގޮތުގައި ދޭ 432،000 ރުފިޔާ އުނިކުރުމަށް ފަހު ބާކީ ފައިސާ އަލަށް ލިބޭ ހައުސިން ޔުނިޓަށް 20 އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް އަލަށް ލިބޭ ހައުސިން ޔުނިޓްގެ ކަންކަން ހަމަޖެއްސޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން