އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން 22 ޑޮކްޓަރުނާއި 26 ރެޖިސްޓަރޑް ނަރުހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އައި.ޖީ.އެމް.އެޗުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލަށް ދެ ރޭންކަކުން މެޑިކަލް އޮފިސަރުންނާއި ނަރުހުން ބޭނުންވާ ކަމަށެވެ.

އެގޮތުން ޕަބްލިކް ސަރވިސް ރޭންކް 7 ގައި ހިމެނޭ މެޑިކަލް އޮފިސަރުންގެ އަސާސީ ޝަރުތަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމެވެ.

ރޭންކް 7 ގައި ހިމެނޭ މެޑިކަލް އޮފިސަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 18129 ރުފިޔާ އަދި މަޤާމުގެ އެލަވެންސްގެ ގޮތުގައި 10382 ރުފިޔާއާއި ޙާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް 281 ރުފިޔާ ލިބޭނެއެވެ.

ރޭންކް 8 ގައި ހިމެނޭ މެޑިކަލް އޮފިސަރުންގެ އަސާސީ ޝަރުތަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކުރުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.

ރޭންކް 8 ގައި ހިމެނޭ މެޑިކަލް އޮފިސަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 20004 ރުފިޔާ އަދި މަޤާމުގެ އެލަވެންސްގެ ގޮތުގައި 11456 ރުފިޔާއާއި ޙާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް 310 ރުފިޔާ ލިބޭނެއެވެ.

ޕަބްލިކް ސަރވިސް ރޭންކު 5 ގެ ރެޖިސްޓަރޑް ނަރުހުންގެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަތުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމެވެ. އަދި ރޭންކް 7 ގެ ނަރުހުންގެ އަސާސީ ޝަރުތަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަތުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމެވެ.

ރޭންކް 5 ގެ ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 11428 ރުފިޔާ، މަޤާމުގެ އެލަވަންސްގެގޮތުގައި 5333 ރުފިޔާ އަދި މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް ޙާޒިރީ އިނާޔަތުގެގޮތުގައި 144 ރުފިޔާ ލިބޭނެއެވެ. އަދި ރޭންކް 7 ގެ ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 13057 ރުފިޔާ، މަޤާމުގެ އެލަވަންސްގެ ގޮތުގައި 6094 ރުފިޔާ އަދި ޙާޒިރީ އެލަވެންސްގެގޮތުގައި ނިކުންނަށް ކޮންމެ ދުވަހަކަށް 165 ރުފިޔާ ލިބޭނެއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން 6 މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަނުން ހޯދުމަށްވެސް އައި.ޖީ.އެމް.އެޗްއިން ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން