އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ އިއްޔެ ށ.އަތޮޅަށް ދަތުރު ފަށްޓަވާފައެވެ. އެއަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން ފެނުނު މަންޒަރު އެއޮތީ ފެންނާށެވެ. ކޮންމެ ރަށަކުން ކުދިބޮޑު އެންމެން ނުކުމެ ކޮޅާއިކޮޅު ނުފެންނަވަރުގެ ސަފުތައް ދަމާލައެވެ. އެމަނިކުފާނަށް އިސްތިޤުބާލުކުރީ އުފާވެރިކަމާއި ހިނިތުންވުމާއެކުއެވެ. ރަށްރަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ.

މިދަތުރުފުޅުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވައި ރިބަންފަށް ކަޑުއްވާލެއްވުމެވެ. އަދި ރަށްރަށް ބޭނުންވެފައިވާ ކަންކަމާއި އުންމީދުވެސް ނުކުރާ ކަންކަން ކޮށްދެއްވާނެކަމުގެ ވަޢުދު ރައީސް ވެވަޑައިގެންނެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދެއްވެވަޑައިގަތުމުން ރައްޔިތުން އުފާފާޅުކުރަނީ ސަބަބެއް އޮވެގެންނެވެ. އެއީ އެމަނިކުފާނަކީ ވަޢުދު ވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ވެވަޑައިގަންނަވާ ވަޢުދު ފުއްދަވާ ބޭފުޅެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އެމަނިކުފާނު ރަސްމީކޮށް އިއްޔެ ފެއްޓެވީވެސް މިދިޔަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކުގެ 90 އިންސައްތަ ފުއްދަވައިދެއްވާފައެވެ. ބާހީ ހުރީ މިހާރު ހިނގަމުންދާ ކަންކަމެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ހުރިހާ ވަޢުދުތަކެއް ފުރިހަމަވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

ކޮންމެއަކަސް ރައީސްގެ މިދަތުރުފުޅާގުޅިގެން ށ.އަތޮޅުގެ ބައެއް ޢާންމު ރައްޔިތުންނާ ވާހަކަދައްކާލީމެވެ. އެމީހުން ބުނީ މިއީ ދުވަހަކުވެސް އެމީހުންގެ ޙަޔާތުގައި ނުދެކޭފަދަ ޚިދުމަތްތެރި ވެރިއެއްކަމަށެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް އެރުވުމަކީ އެތައްގޮތަކުން ލާޒިމްކަމެއްކަމަށް އެރައްޔިތުން ބުނެއެވެ.

"މިރައީސްގެ އެންމެ ޚާއްސަކަމަކީ، ބޭކާރު ވާހަކަފުޅުތައް ނުދެއްކެވުން. ނިކަން ބައްލަވާ އިދިކޮޅު މީހުންނާއި ޚުދު އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީގައި އިހަށްދުވަހާހަމައަށް ތިބި މީހުން ކޮންފަދަ ހަޑިހުތުރު އެއްޗެހި އެކިޔަނީ. ކޮންފަދަ ދޮގު ތުހުމަތު އެކުރަނީ. އެކަމަކު ރައީސް އެއަށް އެބަ ރައްދުދެއްވާތަ؟ ނުދެއްވާ، ނުވެސް ދެއްވާނެ. ހަމަޖެހުމާއެކު ޤައުމު ތަރައްޤީކުރެއްވުމުގައި ނަމޫނާއެއް އެއީ." ޢުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ ދައުރު ނިމުމަކާ ހިސާބަށްދިޔައިރު، މިއީ މާ ލުއިފަސޭހަކަމާއެކު ކަންކަން ކުރައްވަން ރައީސަށް ފުރުސަތު ލިބިވަޑައިގެންނެވި ފަސް އަހަރު ނޫންކަމަށް ބައެއް ރައްޔިތުން ބުންޏެވެ.

ޢާންމުން ދެކޭގޮތުގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެތެރެއިންނާއި ބޭރުން އެމަނިކުފާނަށް ފިއްތުންތަކާއި ދަތިތައް އައީ ކުރިމަތިވަމުންނެވެ. އަމިއްލަފުޅު ޕާޓީގެތެރެއިން ބަޔަކު އެމަނިކުފާނާ ދެކޮޅަށް އައީ "ބަޣާވާތެއް" ހިންގަމުންކަމަށް ރައްޔިތުން ސިފަކުރެއެވެ. އަދި އަސްލެއްނެތް އެތައް ތުހުމަތުތަކާއެކު އިދިކޮޅުފަރާތްތަކުން އައީ ޒިންމާދާރުކަމެއް ނެތް ނާތަހުޒީބު ޢަމަލުތައް ރެއާއި ދުވާލު ހިންގަމުންކަމަށްވެސް ރައްޔިތުން ބުނެއެވެ.

އެހެންނަމަވެސް މިހުރިހާކަމެއްގެތެރެއިން ޤައުމު ހަމަމަގަށް ގެންދަވައި ސިޔާސީ ހަމަނުޖެހުމެއް ހިނގަން ފުރުސަތު ނުދެއްވައި ޤައުމު ތަރައްޤީ ކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އާދަޔާ ޚިލާފު ކޮލިޓީއެއްކަމަށް ށ.އަތޮޅު ގިނަ ރައްޔިތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޒަވިޔަނި

11-Jul-2023

މާލެއައް ވެސް އަތޮޅު ތެރެއައް ވެސް މިވަރު ވެރިއަކު ނުލިބޭ ސާބަސް ރައީސް ސޯލިހު:



ޓްރެންޑިން