ސްޕެއިން ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ނުރުހުމުގައި ތުންފަތަށް ބޮސްދިން އަންހެން ކުޅުންތެރިއާ، ޖެނީ ހަރމޯސޯ ރަސްމީކޮށް އެ މައްސަލަ ކޯޓަށް ހުށައެޅުމުން، ރުބިއާލޭސް މަގާމުން އިސްތިއުފާ ދީފިއެވެ.

ޖެނީ ހާރމޯސޯ މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގައެވެ. ރުބިއާލޭސް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސްކަމުން އިސްތިއުފާ ދިންކަން އިއުލާންކުރީ އާދީއްތަ ދުވަހުގައެވެ. އަދި އޭގެ އިތުރަށްވެސް، ޔުއެފާގެ ނައިބު ރައީސްކަމުންވެސް އިސްތިއުފާ ދިންކަން އޭނާ އިއުލާންކުރިއެވެ.

"އަހަރެން އެނބުރި އައުން ހުއްޓުވަން ބާރުތަކެއް މަސައްކަތް ކުރާނެ. އަހަރެންނާއި ދެކޮޅަށް ފަށާފައިވާ 'ފޯލްސް ފެމިނިޒަމް ކެމްޕެއިން'ގެ ސަބަބުން ސްޕެއިންގެ ފުޓްބޯޅައިގެ ކުރިމަގަށް ގެއްލުން ކުރުވާކަށް ބޭނުމެއް ނޫން." ރުބިއާލޭސް ބުނެފައި ވެއެވެ.

ރުބިއާލޭސް ބުނީ އޭނާއަށް ކޮށްފައިވާ ތުހުމަތުގެ ސަބަބުން އޭނާގެ އަންހެން ދަރިންނާއި އާއިލާއަށް އަސަރުކޮށްފައިވާ ކަމަށާއި ޙައްޤު ބަސް ކޮންމެވެސް އެއް ދުވަހަކުން ފާޅުވާނެ ކަމަށެވެ.

އެންމެން ކުރިމަތީގައި ހާރމޯސޯއަށް ގަދަކަމުން ބޮސްދިނުމުގެ މި އަމަލު ދިފާއުކޮށް ވާހަކަދައްކަމުން ރުބިއާލޭސް ބުނީ އެއީ އުމުރުން 33 އަހަރުގެ ހަރމޯސޯގެ ރުހުމުގައި ކުރި ކަމެއް ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން ސްޕެއިންގެ 81 ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ވަނީ ރުބިއާލޭސް މަގާމުން އިސްތިއުފާ ނުދެނީސް ރަސްމީ މެޗްތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ހިމެނެއެވެ. އަދި ފީފާއިންވެސް ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އަދި ފިޔަވަޅު ނާޅަނީސް، ބައިނަލްއަގްވާމީ މުބާރާތްތަކުން ސްޕެއިން އެއްކިބާ ކުރާނެ ކަމަށްވެސް ފީފާއިން އަންގާފައި ވެއެވެ.

މި ހުރިހާ ފިއްތުންތައް މެދުވެރިވީ ނަަމަވެސް، އާދިއްތަ ދުވަހާއި ހަމައަށް ރުބިއާލޭސް މަގާމުން އިސްތިއުފާއެއް ނުދެއެވެ. މީގެ އިތުރަށްވެސް، ރުބިއާލޭސްއާއި އެއްކޮޅަށް ވާހަކަދެއްކި ސްޕެއިން އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އުމުރުން މިހާރު 46 އަހަރު ފުރިފައިވާ ރުބިއާލޭސް، ޖެނީ ހާމޯސޯއަށް ބޮސްދީފަވަނީ ފީފާ ވިމެންސް ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިންއިން އިނގިރޭސިވިލާތުގެ މައްޗަށް ހޯދި މޮޅަށް އުފާ ފާޅުކުރުމުގެ ތެރެއިންނެވެ. ސިޑްނީގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިންގެ ރާނީ ލެޓީޒިއާ ކައިރީގައި ހުއްޓާ އެހެން ބޭއަދަބީ އަމަލެއްވެސް ހިންގާފައި ޥާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން