މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރުތަކެއް އައްޑޫ ސިޓީން ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މި ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

"އެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުން." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވޭ." މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން