އައްޑޫ މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާ ދޫކޮށްލާފައި ވަނީ ހައްޔަރު ކޮށްފައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ. އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާއިރު ފުލުހުން ދަނީ އެސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވޭ." މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ހާމަކޮށްފައިވެއެވެ.

އައްޑޫސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހނގަމުންދާ މާރާމާރީތަކުގެ ތެރެއިން އާދިއްތަ ދުވަހު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.

އަދި މިދިޔަ ހުކުރު ދުވަހުގެރޭ ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އޭނާ ގައިގެ އެހެން ތަންތަނުގައި ޒަހަމްތައް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން